އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލައްވައި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމާއިފައިވާތީ އެމްޑީޕީގެ ކެންޑިޑޭޓަކަށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދައިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މެންބަރު އަބްދުﷲ ޝާހިދު ނިންމަައިފިއެވެ.
ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ރައީސް ނަޝީދު ނިންމެވިކަން ޖޮއިންޓް ޕާލިއަމެންޓްރީ ގްރޫޕަށް އެންގެވި ޚަބަރާ އެކު ޝާހިދު ހުކުރު ދުވަހު ކުރެއްވި ޓްވީޓްގައި ވަނީ އިބޫ އަށް ތާއިދު ކުރައްވަން ނިންމެވީ ޕާޓީގެ އެއްބައިވަންތަކަން ހިފެހެއްޓުމުގެ މަގްސަދުގައި ކަމަށެވެ.
މީގެ އިތުރުން ޝާހިދު އޭނާގެ ފޭސްބުކް ޕޭޖުގައި ލިއުއްވަފައި ވަނީ "އުއްމީދު ކުރަނީ ގުޅިފައިވާ ޕާޓީތަކުން ނެރޭ ކެނޑިޑޭޓަކީ އެމްޑީޕީގެ ކެނޑިޑޭޓެއް ކަމަށް ވުމަށް" ކަމަށާއި "ޖުމްހޫރީ ޕާޓީގެ ރަނިންމޭޓަކު ހުންނާނެ" ކަމަށެވެ.
ރައީސް ނަޝީދު ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމަވާފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.
ރައީސް ނަޝީދަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޝާހިދު އިންތިޚާބުގައި ވާދަކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އަދި އެމްޑީޕީގެ ކޮންގްރެސް އަށް ތައްޔާރުވަމުންދިޔަ އިރު ބައެއް މީހުންގެ ތެރޭގައި އިބޫއަށާއި ޝާހިދަށް ދިޔައީ ކެމްޕެއިން ވެސް ކުރަމުން ކަމަށް ވެއެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެ ބަހުސް ދިޔައީ ކުރަމުންނެވެ. ނަމަވެސް ޝާހިދު މިވަނީ ފަހަތަށް ޖެހިވަޑައިގެންފައެވެ.