އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވައި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނެތީ، ރައީސް ނަޝީދު އެމްޑީޕީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވިކަން ހާމަކުރެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕަށް ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި ފޮނުއްވި މެސެޖެއްގައެވެ.
ރައީސް ނަޝީދު ފޮނުއްވެވި މެސެޖްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.
ރައީސް ނަޝީދުގެ މި ނިންމެވުން އިއުލާން ކުރައްވަން ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައެވެ.
ރައީސް ނަޝީދު މިކަން ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައި ވަނީ އެކަމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ދޫކޮށްލައްވަން ގަސްތު ކުރައްވަނީ ހޮނިހިރު ދުވަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައިއެވެ. އެއާއެކު އެ ޕާޓީގެ އަސާސީ ގަވާއިދުގައި ރިޔާސީ ކެނޑިޑޭޓާގުޅޭ ގޮތުން ލިޔެފައިވާ ބާބަށް ބޮޑެތި ބަދަލުތަކެއް ކޮންގްރެސްގައި ގެންނާނެ ކަމަށް ބެލެވެއެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާނެ ބޭފުޅަކު ހޮވުމަށް ބޭއްވި ޕްރައިމަރީއަށް ފަހު ރައީސް ނަޝީދަށް ޓިކެޓް ހަވާލު ކުރައްވާފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އޭރު ވެސް އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާތީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅެއްގެ ހުންނަން ޖެހޭ ޝަރުތު އޮތީ ގެއްލިފައެވެ. ނަޝީދު ފިޔަވައި އެހެން އެއްވެސް މީހަކު އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާފައިނުވާއިރު އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ ކޯޓުން ކޮށްފައިވާ ބޭއިންސާފު ހުކުމް އޮތް ނަމަވެސް އެމަނިކުފާނަށް ކުރިމަތިލެވޭނެ ގޮތް އެންމެ ފަހު ވަގުތު ހަމަޖެހިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ނަން ބާއްވައިގެން ބޭއްވި ޕްރައިމަރީ ބަލައި ނުގަންނާނެ ކަމަށާއި އަދި އެމަނިކުފާނު ނަން ބާއްވައިގެން ބާއްވާ ކޮންގްރެސް ވެސް ބަލައި ނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދިޔައީ ބުނަންމުންނެވެ.
އެހެންމެ ނަޝީދުގެ ނަންފުޅު ބޭނުންކޮށްގެން އެމްޑީޕީއަށް ކެމްޕެއިން ކުރުމަށް ވެސް ސަރުކާރުން ހުރަސްތައް ކުރިމަތިކުރުވަމުންދިޔައިރު އެމަނިކުފާނު ދައްކާވާ ވާހަކަފުޅުތައް އެ ވިދާޅުވި ގޮތައް އަޑާއެކު ގެނެއުމަކީ މަނާކަމެއް ކަމަށް މީޑިޔާތަކަށް ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގައި އިންޒާރުދީފައެވެ. އަދި އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯދައްވައިގެން މިވަގުތު ހުންނެވި ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ވެސް ހުރަހަކަށް ވާނެ ގޮތަށް ގާނޫނަށް ވެސް ވަނީ ދާދި ފަހުން ބަދަލު ގެނެސްފައެވެ. އެހެން ކަމުން އެމްޑީޕީގެ އާންމު މެމްބަރުން ވެސް ތިބީ ރިޔާސީ އިންތިހާބުގައި ނަޝީދަށް އެންމެ ފަހު ވަގުތު ވެސް ވާދަ ނުކުރެއްވިއްޖެ ނަމަ އެ ޕާޓީގެ ކެންޑިޑޭޓެއް ނުނެރިވިދާނެ ކަމުގެ ބިރު ހީވެފައެވެ.
އެމްޑީޕީ އުފެދުނު ފަހުން މިހާތަނަށް ބޭއްވި ދެ ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާފައި ވަނީ ރައީސް ނަޝީދެވެ. އަދި އެ ޕާޓީން މިއަހަރު ރިޔާސީ އިންތިހާބަށް ނެރޭނީ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވަނީ ބެލެވިފައެވެ. އަދި ހޮނިހިރު ދުވަހު އއ. އުކުޅަހުގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސް އިން އެގޮތައް ފާސްކުރުމަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ރައީސް ނަޝީދަށް ވާދަ ނުކުރެއްވޭ ކަމަށްވާ ނަމަ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ ކަމަށް އެ ޕާޓީގެ ބައެއް ބޭފުޅުން ވެސް މިހާރު ވަނީ ވިދާޅުވެފައެވެ.