ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުގައި ބޭފުޅަކު ނެތުމުން، ލީޑަރަށް ލިބިވަޑައިގަންނަވާ ބާރުތައް ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު އަހުމަދަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ އަޤުލަބިއްޔަތުންނެވެ. ޑރ. ހުސެއިންނަށް ބާރުތައް ދިނުމަށް ފާސްކުރީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ.
ޖުމްހޫރީ ޕާޓީގެ ރައީސަކު ހުރިނަމަވެސް، ލީޑަރަށް ލިބިގެންވާ ބާރުތައް ރައީސަށް ދިނުމަށް ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ މެމްބަރުން ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދަށް އެ ބާރުތައް ދިނުމުގެ ބަދަލުގައި ކޮންގްރެސްއިން ފާސްކުރީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ނެތް ހާލަތްތަކުގައި ބާރުތައް ލިބޭނީ ޑެޕިއުޓީ ލީޑަރުންގެ ތެރެއިން ކައުންސިލުން އިންތިހާބްކުރައްވާ ބޭފުޅަކަށް ކަމަށެވެ.
ޑެޕިއުޓީ ލީޑަރުކަމުގައި ހަތަރު ބޭފުޅުން ތިއްބަވަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމް ހުސްވެފައިވަނީ، ޤާސިމް އިބްރާހިމަށް އެ މަޤާމަށް ކުރިމަތިނުލެއްވޭތީވެ އެވެ. ޤާސިމްގެ ބަދަލުގައި ބޭފުޅަކު އިންތިހާބްކުރުމަށްވެސް ކޮންގްރެސްގެ މެމްބަރުން ދެކޮޅު ހަދައި، ޤާސިމަށް ކުރިމަތިލެއްވެންދެން އެ މަޤާމަށް ބޭފުޅަކު އިންތިހާބް ނުކުރުމަށް ޤަރާރެއް ވަނީ ފާސްކޮށްފައެވެ.