ކެންޑިޑޭޓެއްގެ މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެންދާތީ، އެމްޑީޕީގެ ކޮންގްރެސްގެ ކުރިން ގޮތެއް ނިންމުމަށްފަހު އެންގުމަށް ޖުމްހޫރީ ޕާޓީގެ ކިބައިން އެމްޑީޕީ އެދިއްޖެއެވެ.
އެއް ކެންޑިޑޭޓަކު ނެރޭނެކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނަމުން އަންނަތާ އެތައް މަސްތަކެއް ވެފައިވަނިކޮށް، ކެންޑިޑޭޓުންގެ ނަން ހުށަހަޅަން މަދު ހަފްތާތަކަށް ވެފައިވާއިރު، އަދިވެސް ކެންޑިޑޭޓެއްގެ ނަމާއިމެދު އިދިކޮޅު ފަރާތްތަކަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
ކޮންގްރެސްގެ ކުރިން ގޮތެއް ނިންމުމަށްފަހު އެންގުމަށް ޖުމްހޫރީ ޕާޓީގެ ކިބައިން އެމްޑީޕީ އެދިފައިވަނީ އެޕާޓީއިން ބުރާސްފަތި ދުވަހު ޖޭޕީގެ ނައިބު ލީޑަރ ޑރ. ހުސައިން ރަޝީދު ހަސަން އަށް ފޮނުއްވި ސިޓީއެއްގައެވެ.
މިސިޓީގައި އެމްޑީޕީއިން ބުނީ ފާއިތުވި 3 މަހެއްހާ ދުވަހު ގުޅިފައިވާ ޕާޓީތަކުން ކުރި މަސައްކަތުގައި އެއް ކެންޑިޑޭޓް ނެރެނޭ ގޮތަށާއި، ސަރުކާރެއް އެކުލަވާލާނެ ގޮތަށާއި، މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތެއްގެ މައްޗަށް އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކުރެވުނުކަމަށެވެ. އަދި އެމްޑީޕީއިން ހުށަހަޅާ ކަންކަން ޖޭޕީއަށް ބުރާސްފަތި ދުވަހު ހުށަހަޅައި، އެކަންކަމާއިމެދު ޖޭޕީއިން ދެކޭ ގޮތެއް ބުރާސްފަތި ދުވަހު އެންގުމަށް އެމްޑީޕީއިން ވަނީ ޖޭޕީގެ ކިބައިން އެދިފައެވެ. އެމްޑީޕީއިން ބުނީ އެކަންކަމުގައި ޖޭޕީއިން ދެކޭ ގޮތް ކޮންގްރެސްގެ ކުރިން އެނގުމަކީ މުހިއްމުކަމެއް ކަމަށް ދެކޭކަމަށެވެ.
އެމްޑީޕީއިން ޖޭޕީއަށް ހުށަހަޅާފައިވަނީ ސީދާ ކޮންކަމެއްކަން ސާފުނުވިނަމަވެސް، އެއް ކެންޑިޑޭޓެއްގެ މައްސަލަ އެންމެ އިސްކަމެއް ގޮތުގައި ހުށަހަޅާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިއަދުން މިއަދަށް ގޮތެއް ނިންމުމަށް ޖޭޕީގެ ކިބައިން އެމްޑީޕީ އެދިފައި މިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންގ މޭޓެއް ހިމެނޭ ގޮތަށް ރިޔާސީ އިންތިޚާބަށް ނިކުތުމަކީ ދިވެހިރާއްޖެއަށާއި އެމްޑީޕީއަށް ވެސް އެންމެ ފައިދާހުރި ގޮތްކަމަށް އެމްޑީޕީގެ ރައީސް އަދި ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އެމްޑީޕީގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީގެ އާއްމު މެމްބަރުންނާއި މުޚާޠަބުކުރައްވައި ވީޑިއޯ މެސެޖެއް މެދުވެރިކޮށް ކޮޅުނބުގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާޢީދުކޮށްދިނުމަށް ގުޅިފައިވާ ޕާޓީތަކުގެ ކިބައިން އެމްޑީޕީ އެދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންގމޭޓެއް ނެރެގެން އިންތިޚާބަށް ކުރިމަތިލާނެ ކަމަށް އެމްޑީޕީގެ އާއްމު މެމްބަރުން ޤަބޫލުކޮށްގެން ތިބޭތާވެސް ދުވަސްކޮޅެއް ވެއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން ބޮޑަށް ޤަބޫލުކުރެވޭ ގޮތުގައި އެމްޑީޕީއިން ޖޭޕީއަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ އެމްޑީޕީ އިސްވެ އޮވެ ސަރުކާރަށް އައުމަށް ޖޭޕީއަށް ދޭ ފަހު ދައުވަތެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީއިން ފޮނުވި ސިޓީގެ ޖަވާބު ޖޭޕީއިން ވަނީ ހަމަ މިއަދު ދީފައެވެ. އެހެންނަމަވެސް އެޕާޓީއިން ދިނީ ކޮން ޖަވާބެއްކަމެއް އެމްޑީޕީއިންވެސް އަދި ޖޭޕީއިން ހާމަކޮށްފައެއް ނުވެއެވެ.