މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ޖެނުއަރީ މަހުން ފެށިގެން ފުލުހުން ތައްޔާރުވަމުންދާ ކަމަށާއި އެގޮތުން އެކިއެކި ދިރާސާތައްކޮށް، އިންތިހާބު އަމާންކަމާއި އޮމާންކަމާއެކު ގެންދެވޭ ގޮތްތަކަށް ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރުމަށް ރާވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުންގެ އިސްކަންދަރު ކޮށީގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނު ވިދާޅުވީ އިންތިހާބުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާކުރެވި، އަދި އެ ކޮމިޝަނަށް ފުލުހުންގެ ފަރާތުން އެދިފައިވާ އެއްބާރުލުން ދިނުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުން ފޮނުމުގެ މަސައްކަތް ޖުލައި މަހުގެ ފަހުކޮޅު ފެށިގެންދާނެ ކަމަށް ވެސް ޝިފާނު ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ ގާނޫނު ނަގަހައްޓައި، ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ.
ޝިފާން ވިދާޅުވީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ގަސްދުގައި މާލެ އާއި ބޮޑެތި ބައެއް ރަށްރަށުގައި ހަމަޖެހުން ނަގާލައި ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ތަފާތު އެކި އަމަލުތައް ހިންގަމުންދާ ކަމަށެވެ. ނަމަވެސް އެފަދަ ކަމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ޝިފާނު ވިދާޅުވި އެވެ.