މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ކުރިންނާއި ވޯޓުލާ ދުވަހު އިންތިޚާބު ނުބޭއްވޭވަރުގެ މާހައުލެއް ނެތިގެން ވޯޓުލުން ހުއްޓާލަން ޖެހޭވަރުވިޔަ ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ރިޔާސީ އިންތިޚާބުގެ ކަންކަމުގައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާގައި ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތައްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރާއްޖެ އެމްވީން ދެންނެވި ސުވާލަކަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ތާރީޚަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ސެޕްޓެމްބަރު 23 ވަނަ ދުވަހު އިންތިޚާބުގެ ވޯޓުލުން އޮންނާނެ ކަމަށެވެ.
"އެއީ 23 ސެޕްޓެބަރ 2018. އެހެންނަމަވެސް އިންތިޚާބުގެ ކަންކަމަށް އިލުލާން ކޮށްފައިހުރި ބައެއް ތާރީޚްތަކަށް ބަދަލު އަތުވެދާނެ. އިންތިޚާބު ލަސްވެދާނެކަމުގެ އެއްވެސް ޕޮސިބިލިޓީއެއް ނެތް." ޝަރީފް ވިދާޅުވިއެވެ.
ނިމިދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެއް ފުލަހަކުވެގެން އިންތިޚާބު ހުއްޓުވާފައިވާކަމާއި ވޯޓުލާ ފޮށި ދޮށުގައާއި އެހެނިހެން ކަންކަމާހުރެ އިންތިޚާބު ހުއްޓާލަން ޖެހޭވަރުގެ މާހައުލެއް ނެތި ހިނގައިދާނޭވަރުގެ ހާލަތެއް މެދުވެރިވިޔަ ނުދޭވަރަށް ސެކިއުރިޓީ ބެލެހެއްޓިދާނެތޯ ރާއްޖެ އެމްވީން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވީ މިއިންތިޚާބަކީ އަމާން އޮމާން އިންތިޚާބަކަށް ވެގެންދާނޭކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެކަމަށްޓަކައި ފުލުހުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
"ދިވެހި ފުލުހުންގެ ފަރާތުން މިއިންތިޚާބުގައި ރައްކާތެރިކަމާއި ސަލާމަތްތެރިކަން ފޯރުކޮށްދިނުމަށް މިހާރުވެސް ހުރިހާ ކަމެއް ދަނީ ކުރަމުން" ނަވާޒް ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު މިސޮއިކުރި ފަހުމުނާމާއަކީ އިންތިޚާބުގެ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދިނުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ. އޭގެ ދަށުން ސެކިއުރިޓީ ބަލަހައްޓައިދިނުމާއި ވޯޓު ކަރުދާހާއި ވޯޓުފޮށި އުފުލައިދިނުންފަދަ ހުރިހާ ލޮޖެސްޓިކް ކަންތައްތަކެއްގައިވެސް ފުލުހުން އެހީތެރިވެދޭނެއެވެ.