ރައްޔިތުންގެ މަޖިލީހުގެ 85 މެންބަރުން ތިއްބަވާ އިރު އެންމެ 36 ވޯޓުން ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރި ކަމަށް ކަނޑައެޅުމަކީ މުޅި ދިވެހި އުއްމަތަށް ބުނާ ބަދު ބަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި އެކޯޓުގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށް މަޖިލީހުން ރުހުންދީފައި ވަނިކޮށް ބުރާސްފަތި ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ 85 މެންބަރުންގެ މަޖިލީހަކުން 36 ވޯޓާ އެކު ރާއްޖޭގެ ސްޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަނު ވީކަމަށް ދުށުމަކީ ފަނޑިޔާރު ކަމަށް އައްޔަން ވީކަމަށް ވިދާޅުވާ ބޭފުޅުންނަށާއި އަދި މުޅި ދިވެހި އުއްމަތަށް ބުނާ ބަދު ބަހެއް ކަމަށެވެ.
85 memberun ge Majlis akun 36 vote aai eku Raajjege SC ah fan’diyaarun aiyyanu veekamah dhekumakee fan’diyaaru kamah aiyyanu veekamah vidhaalhuvaa beyfulhunashaai adhi mulhi Dhivehi ummathah bunaa badhu baheh
— Mohamed Nasheed (@MohamedNasheed) June 28, 2018
ރައީސް ނަޝީދު ޓްވީޓް ކުރައްވާފައިވާއިރު އިދިކޮޅު ޕާލިމަންޓްރީ ގްރޫޕުން ވެސް ވަނީ ސުޕްރީމް ކޯޓަށް އުއްތަމަ ފަނޑިޔާރު އައްޔަންކޮށް، އެ ކޯޓަށް އިތުރު ދެ ފަނޑިޔާރުން އައްޔަންކުރީ ޤާނޫނާ ހިލާފަށް ކަމަށާއި، އެ ވޯޓް ބަލައިނުގަންނަ ކަމަށް ބުނެފައެވެ. އަދި އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލިފައިވާނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ގެއްލިފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އެ ބޭފުޅުންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެންނެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ހުކުމްކޮށްފައި ވަނިކޮށް ފަނޑިޔާރުންގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގައި ބުނެފައި ވަނީ ޖިނާއީ ކުށެއްގައި ނިހާއީ ހުކުމެއް އިއްވައިފި ނަމަ އެ ފަނޑިޔާރެއްގެ ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިހާތަނަށް ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށާއި މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމާ ނިންމުމަކީ ނިހާއީ ހުކުމެއް ކަނޑައެޅުން ކަމުގައި ނުބެލެވޭނެ ކަމަށެވެ.