ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާ މަސްބޯޓެއްގައި އޮތް ހާލު ދެރަ ބަލި މީހަކު އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާ އެކު ހދ. ކުޅުދުފުއްޓަށް ގެންގޮސްދީފިއެވެ.
އެމްއެންޑީއެފް އިން ބުނީ ސްރީލަންކާގެ ކޯސްޓްގާޑުން މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އާއި ހިއްސާކޮށްފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުގެ 15:25 ހާއިރު ކަމަށެވެ.
މި ބަލިމީހާ ނެގުމަށްޓަކައި ހދ. މަކުނުދޫ ސީ އެމްބިއުލާންސްގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ފުރާފައި ވަނީ ބުދަ ދުވަހުގެރޭ 20:15 ހާއިރު ކަމަށާއި އެބަލިމީހާ ސީ އެމްބިއުލާންސްއަށް ނަގާފައި ވަނީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދައާ އެކު އެ ބޯޓް ހދ. މަކުނުދޫގެ ހުޅަނގު އުތުރުން 15 މޭލަށް ކައިރިކުރުމަށް ފަހު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އުމުރުން 52 އަހަރުގެ މި މީހާ ވަނީ ބުދަ ދުވަހުގެރޭ 23:50 ހާއިރު ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.