ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާތީ އެމްޑީޕީއިން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ފާރިސް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހުގެ ރޭ ހުކުމް ކުރުމާއި ގުޅިގެން އެޕާޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާރިސްއަށް ޖަލު ހުކުމް އިއްވީ ހުކުމަކާ ނުލައި 10 މަސްދުވަހު ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅުމަށްފަހު ކަމަށެވެ.
އެމްޑީޕީއިން ބުނީ ޕީޕީއެމްގެ ރައީސްގެ ގޮތުގައި ރައީސް މައުމޫނު އަބްދުލްގައްޔޫމް އިންތިޚާބުކޮށްފައި ވަނިކޮށް، އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އެ ޕާޓީގެ މުސްތަޝާރު ކަމަށް ރައީސް އަބްދުﷲ ޔާމިން ވެރިވެގަނެފައިވާ ކަމަށެވެ. އަދި ރައީސް މައުމޫން ދަރިކަލުން ފާރިސްގެ މައްޗަށް އެ ޕާޓީގެ ދިދައާއި ލޯގޯ ނޫސްވެރިންގެ ބައްދަލުވުމުގައި ބޭނުންކުރި ކަމަށް ބުނެ ނާއިންސާފުން ދައުވާކޮށްފައިވަނީ ރައީސް ޔާމިން ތަހުގީގީ އިދާރާތަކަށާއި ޕްރޮސިކިޔުޓަރ ޖެނެރަލަށް ނުފޫޒު ފޯރުވައިގެންކަމަށެވެ.
އެމްޑީޕީން ބުނީ ދައުވާ ކުރެވެން ނެތް ކަންކަމުގައި އަމިއްލައަށް މައްސަލަ އުފައްދައިގެން، ހަމައާއި އިންސާފުން އެއްކިބާވެގެން ތިބެ، ފާރިސްގެ މައްޗަށް ރައީސް ޔާމިންގެ ސަރުކާރުން އަނިޔާވެރިވަމުން ދަނީ މި ސަރުކާރަށް ތާއީދު ނުކުރުމުން ކަމަށެވެ.
ފާރިސް ހައްޔަރުކޮށްގެން އޭނާއަށް އަނިޔާވެރިވަމުން ދާދިއުން ވަގުތުން ހުއްޓާލައި، އޭނާ މިނިވަންކުރުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ރައީސް ޔާމިންގެ ސަރުކާރުން ފާރިސްގެ އިތުރުން އެހެންވެސް ސިޔާސީ ބޭފުޅުންގެ މައްޗަށް ރާއްޖޭގެ ގާނޫނު އަސާސީއާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހުކުމް އިއްވައި، ޖަލަށްލާ މައްސަލައިގައި މުޅި ދުނިޔެއިން އެކަން ކުށްވެރިކޮށް، އެ ބޭފުޅުން ވަގުތުން މިނިވަންކުރުމަށް ގޮވާލަމުންދާ ކަން މިބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީން ބުނީ މިފަދަ ދައުވާތަކާއި ހުކުމްތަކުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައާއި ދުނިޔޭގެ ކުރިމަތީގައި މިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމާއި ކޯޓުތަކުގެ އިތުބާރު އިތުރަށް ގެއްލިގެންދާ ކަމަށެވެ.