މިއަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށް ވުމުގެ އުންމީދު ކުޑަވަމުންދާ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނި ބުނުމަށް ދިވެހި ސަރުކާރުން ރައްދު ދީފިއެވެ.
ފޮރިން މިނިސްޓްރީން ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނާ އެކު ސަރުކާރުން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބައެއް ސިޔާސީ ފަރާތްތަކުން އެކި ހަރަކާތްތައް ހިންގަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަން ފާހަގަކޮށް މިބަޔާނުގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ކަނޑައެޅިފައިވާ ގަވާއިދުތައް ނެގެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި، ގަވާއިދާ ހިލާފަށް އަމަލުތައް ހިންގުމަށް ޖާގަ ނުދޭނެ ކަމަށެވެ.
ފޮރިންގ މިނިސްޓްރީގެ މިބަޔާނުގައި ބުނީ 2008 ވަނަ އަހަރު ތައާރަފު ވެގެންދިޔަ މަލްޓިޕާޓީ ސިސްޓަމަށް ފަހު ބޭއްވި ހުރިހާ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިޚާބު ކަމަށާއި، މިއަހަރުގެ ރިޔާސީ އިންތިޚާބު ވެސް މިނިވަންވާނެ ކަމަށެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުގައި ބާއްވާނެ ކަމުގެ ޔަގީންކަން ފޮރިންގ މިނިސްޓްރީގެ މިބަޔާނުގައި ވަނީ ދީފައެވެ.
ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން އަންގާރަ ދުވަހު އޮސްޓްރޭލިއާ ސަރުކާރުން ނެރުނު ބަޔާނުގައި، ދިވެހި ހުރިހާ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނވަންކަމަށް ދިވެހި ސަރުކާރުން އިހުތިރާމްކުރުމަށް ވަނީ ގޮވާލާފައެވެ.
އެގޮތުން ދިވެހި ސަރުކާރުން އެއްވެ އުޅުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަދި އިންތިޚާބީ އެކި ކަންކަމުގައި ރައްޔިތުންނަށް ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ. އަދި މިނިވަން އިންސާފުވެރި އިންތިޚާބެއްގައި ކޮންމެހެން ހުންނަން ޖެހޭ އެއްކަމަކީ ގާނޫނީ ހުދޫދުތަކުގެ ތެރެއިން އިދިކޮޅު ހިޔާލުތަކަށް ފުރުސަތު ދިނުން ކަމަށާއި، އަދި ސިޔާސީ ހުރިހާ ކުށްވެރިން ދޫކޮށްލުމަށް ވެސް ބަޔާނުގައި ދިވެހި ސަރުކާރަށް ގޮވާލާފައެވެ.