އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންގމޭޓެއް ހިމެނޭ ގޮތަށް ރިޔާސީ އިންތިޚާބަށް ނިކުތުމަކީ ދިވެހިރާއްޖެއަށާއި އެމްޑީޕީއަށް ވެސް އެންމެ ފައިދާހުރި ގޮތްކަމަށް އެމްޑީޕީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާތީ ހިތާމަކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޑރ ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީގެ އާއްމު މެމްބަރުންނާއި މުޚާޠަބުކުރައްވައި ވީޑިއޯ މެސެޖެއް މެދުވެރިކޮށް ކޮޅުނބުގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާޢީދުކޮށްދިނުމަށް ގުޅިފައިވާ ޕާޓީތަކުގެ ކިބައިން އެމްޑީޕީ އެދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންގ މޭޓެއް ނެރެގެން އިންތިޚާބަށް ކުރިމަތިލާނެ ކަމަށް އެމްޑީޕީގެ އާއްމު މެމްބަރުން ޤަބޫލުކޮށްގެން ތިބޭތާވެސް ދުވަސްކޮޅެއް ވެއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ކަމަށް އިޝާރަތް ކުރައްވާ ޑރ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ކެންޑިޑޭޓާ ރަނިން މޭޓުކަންވެސް އެމްޑީޕީ އަށް ލިބެންޖެހޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކިވަޑައިގަންވާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި އިޚުލާސްތެރިކަމާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީތައް މަޝްވަރާކޮށްގެން ކެންޑިޑޭޓެއްގެ ކަންތައް ހަމަޖެއްސުމަށް އެދިވަޑައިގަންނަވާ ކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ.
Riyaasy Candidate aa Running Mate kanves MDP ah libenjeheynekamah @MohamedNasheed dhekevadaigannavaathee hithaamakuran! Ikhlastherikamaaieku edhenee Gulhifaivaa Party thah masvaraakohgen mikan hamajessumah. #RiyaaseeInthihaab2018@MDPSecretariat @Jumhooree_MV @AdhaalathOffice pic.twitter.com/YUEpx66zxC
— Hussain R. Hassan (@DrHussainHassan) June 27, 2018
ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީއިން ބައްދަލުކޮށް، ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އެކަން ދިގުލައިގެން ދާތީ އަދާލަތު ޕާޓީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގުޅިފައިވާ ކެންޑިޑޭޓް ފައިނަލް ނުކުރަނީސް ޖުމްހޫރީ ޕާޓީއިން ވަނީ އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްއަށް ރިޔާސީ ކެންޑިޑޭޓްކަން އަދި ކުރީގެ ނައިބު ރައީސަށް ރަނިންގ މޭޓްކަން ދީގެން ހަދާ ކެބިނެޓެއް ދާދިފަހުން އިއުލާން ކޮށްފައެވެ. އެހެންނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން ޤާސިމް ވިދާޅުވީ އެއީ ޚިޔާލީ ކެބިނެޓެއް ކަމަށެވެ.