ކެމްޕެއިން ހަރަކާތްތައް ހުއްޓުވަނީ ރައީސް އަބުދު ﷲ ޔާމީންގެ އެންގެވުމަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ހަރަކާތްތަކަށް ފުލުހުން ހުރަސް އަޅާ އެކިއެކި ހަރަކާތްތައް ހުއްޓުވުމާއި ގުޅޭ ގޮތުން ބުދަ ދުވަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ގަނޫނާ އެއްގޮތަށް ކުރިއަށް ގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަކަށް ވާއިރު އެ ހަރަކާތްތައް ހުއްޓުވަން ޖެހޭ ސަބަބެއް ކަމަށް ދެކެނީ ރައީސް ޔާމީންގެ ނުފޫޒުން ފުލުހުންނަށް އެކަން އެގޮތަށް ކުރުމަށް ލަފާދޭތީ ކަމަށެވެ.
މި ޕްރެސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އަލީ ނިޔާޒް ވިދާޅުވީ، އެމްޑީޕީން ކުރިއަށް ގެންދާ ޕޯސްޓަރު ހިއްޕުމުގެ ހަރަކާތަށް ފުލުހުން ހުސްރަސް އަޅާ މައްސަލައިގައި އިސީއާއި ބައްދަލުކުރުމުން އެ ކަމަށް ހައްލެއް ހޯދުމަށް ފުލުހުނާއި އެކު މަޝްވަރާ ކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު އޭގެ ފަހުން 24 ގަޑިއިރަށް ވުރެ ގިނައިރުވީ އިރުވެސް އީސީން އެކަމަށް ހައްލެއް ހޯދައި ދެވިފައި ނުވަނީ އީސީ ވެސް ވަރުގަދަ ނުފޫޒެއްގެ ދަށުގައި އޮތުމުން ކަމަށެވެ.
އަންގާރަ ދުވަހު ފުލުހުންނާއި އިލެކްޝަންސް ބައްދަލު ކޮށްފައިވާއިރު، ފުލުހުން ބުނެފައި ވަނީ ސިޔާސީ ހަރަކާތް ހިންގޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށް ބުނެފައިވާ ކަމަށެވެ.
ނިޔާޒް ވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި ވެސް ހިންގަނީ ސިޔާސީ ހަރަކާތް ކަމަށާއި އެ ހަރަކާތް ނުހުއްޓުވާ ގޭގެ ވެރިފަރާތުގެ ހުއްދައާއި އެކު ގޭގޭގެ ފާރުތަކުގައި ހިތްޕާ ޕޯސްޓަރުތައް ފުލުހުން އައިސް ނަގަން ޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.
އެމްޑީޕީން ބުނީ އީސީން އެކަން ކަމަށް އަވަސް ހައްލެއް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި އެޕާޓީ ހިއްޕާ ޕޯސްޓަރު ތަކުގައި އެއްވެސް ގާނޫނާއި ޚިލާފު ކުރެހުމެއް އަދި އެފަދަ އެއްވެސް އެއްޗެއް ނުހިމެނޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ކެމްޕެެއިން މެނޭޖަރު އަސްލަމް ވިދާޅުވީ، ފުލުހުން ކިތަންމެ ވަރަކަށް ހުރަސް އެޅިޔަސް އެޕާޓީގެ ހަރަކާތްތަކަށް ހުއްޓުމެއް ނާންނާނޭ ކަމަށެވެ.