އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންގ މޭޓެއް ހިމެނޭ ގޮތަށް ރިޔާސީ އިންތިޚާބަށް ނިކުތުމަކީ ދިވެހިރާއްޖެއަށާއި އެމްޑީޕީއަށް ވެސް އެންމެ ފައިދާހުރި ގޮތްކަމަށް އެމްޑީޕީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީގެ އާއްމު މެމްބަރުންނާއި މުޚާޠަބުކުރައްވައި ވީޑިއޯ މެސެޖެއް މެދުވެރިކޮށް ކޮޅުނބުގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާޢީދުކޮށްދިނުމަށް ގުޅިފައިވާ ޕާޓީތަކުގެ ކިބައިން އެމްޑީޕީ އެދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންގ މޭޓެއް ނެރެގެން އިންތިޚާބަށް ކުރިމަތިލާނެ ކަމަށް އެމްޑީޕީގެ އާއްމު މެމްބަރުން ޤަބޫލުކޮށްގެން ތިބޭތާވެސް ދުވަސްކޮޅެއް ވެއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީއިން ބައްދަލުކޮށް، ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އެކަން ދިގުލައިގެން ދާތީ އަދާލަތު ޕާޓީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގުޅިފައިވާ ކެންޑިޑޭޓް ފައިނަލް ނުކުރަނީސް ޖުމްހޫރީ ޕާޓީއިން ވަނީ އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްއަށް ރިޔާސީ ކެންޑިޑޭޓްކަން އަދި ކުރީގެ ނައިބު ރައީސަށް ރަނިންގ މޭޓްކަން ދީގެން ހަދާ ކެބިނެޓެއް ދާދިފަހުން އިއުލާން ކޮށްފައެވެ. އެހެންނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން ޤާސިމް ވިދާޅުވީ އެއީ ޚިޔާލީ ކެބިނެޓެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީއިން ހެދި "ޚިޔާލީ ކެބިނެޓް'އިންވެސް ޖާގަ ނުލިބުމުން އެމްޑީޕީއަށް ސިހުން ލިބުނު ކަމަށެވެ.
"އެމްޑީޕީ އަމަލުކުރަން ޖެހެނީ އެމްޑީޕީއާއި މެދު އެހެން ޕާޓީތައް ނުވަތަ އެހެން ވަކި ފަރުދުން ވެސް އަމަލުކުރާ ގޮތުގެ މައްޗަށް ބިނާކޮށެއް ނޫން. އެމްޑީޕީގެ އަމަލުތައް ބަހައްޓަން ޖެހޭނީ ވިސްނުންތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އަދި ވަފާތެރިކަމާއިއެކު. އެމްޑީޕީގެ ސިޔާސީ ނިންމުންތައް ބިނާވާން ޖެހޭނީ ހަމައެކަނި ސިޔާސީ ކަންކަމުގެ ހަޤީގަތްތަކުގެ މައްޗަށް،" ޖޭޕީގެ ނިންމުމުގެ ސަބަބުން އެމްޑީޕީގެ ނިންމުންތަކަށް އަސަރުނުކުރާނެ ކަމަށް ދޭހަވާފަދަ ގޮތަކަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ގާތްތިމާގެ ކަމުގެ ގުޅުމުގެ މައްޗަށް އެއްވެސް ކަމެއް ނިންމިގެން ނުވާނެ. ނުވަތަ ތިމާއަށް ލިބޭ މާލީ ފައިސާގެ ބޭނުމުގައިވެސް އެއްވެސް ކަމެއް ނިންމައިގެން ނުވާނެ. އަދި ތިމާގެ ހިތުގައި އަނދާ އުދާސްތަކާއި، ހިނގާ ހިތި އެއީ އެމްޑީޕީގެ މެމްބަރުން އަމަލުކުރުމުގައި އެއްގޮތަކަށް، އެއްގޮތަކަށް ވެސް ވެގެން ނުވާނެ."
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން މަސައްކަތްކުރާނީ ހަމައެކަނި ދިވެހި ރައްޔިތުންނާއި އަންނަން އޮތް ޖީލުތަކަށް ފައިދާވާ ގޮތަށް ކަމަށެވެ.
މީގެ އިތުރުން ގުޅިފައިވާ ކެންޑިޑޭޓްގެ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް ނެރުމަށް ދޫދޭންޖެހޭ މިންވަރަކީ ކޮބައިތޯ ރައީސް ނަޝީދު ސުވާލު އުފެއްދެވިއެވެ. އަދި ދޫކުރީމާ ކާމިޔާބުވޭތޯ ވެސް ރައީސް ނަޝީދު ސުވާލު ކުރެއްވިއެވެ. އެމްޑީޕީގެ ކެންޑިޑޭޓާއިއެކު 2008 ވަނަ އަހަރު ވެސް ކާމިޔާބު ހޯދިފަދައިން އެމްޑީޕީގެ ކެންޑިޑޭޓްގެ ފަހަތަށް އެހެން ޕާޓީތައް އަރައިގެން މިއަހަރު ވެސް ކާމިޔާބުވާނެކަމާއިމެދު ޝައްކެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ކެންޑިޑޭޓް ނުނެރެވި ލަސްވަނީ ޖޭޕީއިން އެމްޑީޕީގެ ފަހަތަށް އެރުން ލަސްވާތީ ކަމަށް ދޭހަވާފަދަ މެސެޖެއް ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން އިންތިޒާރުކުރަމުންދަނީ ޖޭޕީ ހިމެނޭ ގޮތަށް ގުޅިފައިވާ ޕާޓީތަކުގެ ރަސްމީ އިއްތިޙާދު އިއުލާންކުރެވޭނެ ދުވަހަކަށް ކަމަށެވެ.