ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ހަމައެކަނި ވެރިކަން ކުރުމަށް ނިޔަތްގަނެގެން އުފެދުނު ޕާޓީއެއް ނޫން ކަމަށް އެޕާޓީގެ ލީޑަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީގެ އާއްމު މެމްބަރުންނާއި މުޚާޠަބު ކުރައްވައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީ ދިވެހިރާއްޖޭގައި އަށަގެންނެވުމާއި، އެމަގުގައި ރާއްޖެ ބޭއްވުން ކަމަށެވެ. އަދި އެއީ އިސްލާމް ދީނުގެ ރީތި އުޞޫލުތައް ބަޔާންކުރާ އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީގެ އުޞޫލުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިޔާސީ މަސްރަހާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ދިވެހިރާއްޖެވަނީ ޚަރާބުވެ ގޮސްފައި ކަމަށެވެ. އަދި އެމްޑީޕީއިން ރިޔާސީ އިންތިޚާބަށް ނިކުންނަ އިރު މައިގަނޑު އަމާޒަކަށް ވާނީ ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތައް އަލުން ހިންގުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭކަމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުންކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބުން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއާއި ގުޅިފައިވާ ޕާޓީތައް( ވެރިކަން) ބަދަލު ކުރުން. މި ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އެމްޑީޕީ އަމަލުކުރާންވީ ގޮތަކީ ކޮބައިތޯ މި ސުވާލުތަކަކީ މިއަދު އެމްޑީޕީއަށް ވިސްނާލަން ޖެހިފައިވާ އެންމެ މުހިއްމު ސުވާލުތައް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން ރައީސް ޔާމީން ބަލިކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެކަމަށާއި، ތޭރަ އަހަރުވާ ސިޔާސީ ޕާޓީއެއްގެ މެމްބަރުގެ ކިބައިގައި އެ ޤާބިލްކަން ހުންނާނެކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކުރަން ހިނގަން ޖެހޭ މަގުގެ ތަސައްވަރެއް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެކަމަށެވެ.
އަދި އިއްތިހާދުވެ، ގުޅިފައިވާ ކެންޑިޑޭޓްގެ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް ނެރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.