އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓަށް ދެ ފަނޑިޔާރަކު އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް މަޖިލީހުގެ ޖަލްސާއެއް ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲދީދީ އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ޢަބްދުاللهދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށް ފާސްކޮށްފަ އެވެ. އަދި ޖޭއެސްސީގެ އެނިންމުން އެކޮމިޝަނުން ވަނީ އަންގާރަ ދުވަހު ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅާފަ އެވެ.
ޖޭއެސްސީގެ އެނިންމުމާއި ގުޅިގެން ރައީސް ޔާމީން ވަނީ އެމައްސަލަ މަޖިލީހުން ގޮތެއް ނިންމުމަށް ހުށަހަޅުއްވާފަ އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުން ވަނީ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި ޖަލްސާއެއް ބާއްވާ އެމައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު އެމައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.
ޖަލްސާއަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ، އުއްތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރައްވާ ޑރ. އަހުމަދު އަބްދުﷲދީދީ އަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަބްދުﷲދީދީ އާއި އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރަން ފެންނަ ކަމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
ކޮމެޓީގެ އެ ރިޕޯޓު ފާސްކުރުމަށްޓަކައި ބުދަ ދުވަހުގެ ރޭ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް އެޖަލްސާގެ އެޖެންޑާއެއް މަޖިލީހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
Supreme Courtah fandiyaarun ge nanthan fonuva vote ah ahaa nimmaalaifi. Enme kudaminun husha elhunu evves meehegge thauleemee fenvaru engeyne document eh ves nugeney. Mi aharu therey enme dhashu courtun enme mahchah dhamaanaga meehaage ves fenvareh neygey! pic.twitter.com/fNZyaLp5oC
— ?? ??????? ???? (@Roxeyna) June 27, 2018
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. އަބްދުﷲ ދީދީ އައްޔަން ކުރަނީ އެމަގާމުގައި ކުރިން ހުންނެވި އަބްދުﷲ ސައީދުގެ ފަނޑިޔާރުކަން ގެއްލުމާއި ގުޅިގެންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރު ކަމުގެ މަގާމު ވެސް ގެއްލިފައިވުމުންނެވެ. އެ ދެ ބޭފުޅުންގެ ފަނޑިޔާރު ކަމުގެ މަގާމު ގެއްލިފައިވާ ކަމަށް ޖޭއެސްސީން ނިންމާފައި ވަނީ ދައުލަތުގެ ފަރާތުން އެ ދެބޭފުޅުންގެ މައްޗަށް ކުރި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ ސްޕްރީމް ކޯޓުން ވެސް އެ ހުކުމަށް ތާއީދު ކުރުމުންނެވެ.
ގާނޫނުއަސާސީގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރާ މީހުން ކަނޑައަޅާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން މަޖިލީހަށް ހުށަހެޅުމަށް ފަހު، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ކަމަށެވެ.
އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް ހުށަހަޅާފައިވާ ޑރ. ދީދީއަކީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލްގެ މަގާމުގައެވެ. ޑރ. ދީދީ ވަނީ 2008 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ ނައިބުގެ މަޤާމު ފުރުއްވާފައެވެ. އޭނާ ޕީއެޗްޑީ ނެންގެވީ ވެސް ހަމަ އެ އަހަރުއެވެ.
އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ، ޑރ. ދީދީ މަތީ ތައުލީމު ހާސިލު ކުރެއްވީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީންނެވެ. އޭނާ ހާއްސަވެފައި ވަނީ ޕަބްލިކް އިންޓަނޭޝަނަލް ލޯގެ ރޮނގުންނާއި ކޮންސްޓިޓިއުޝަނަލް ލޯގެ ރޮނގުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ހުށަހެޅި ފަނޑިޔާރު ޢަބްދުލްޣަނީ 2004 ވަނަ އަހަރުން ފެށިގެން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި 2008 ވަނަ އަހަރުން 2011 ވަނަ އަހަރަށް އެ ކޯޓުގެ އިސް ގާޒީގެ މަގާމު އަދާ ކުރެއްވީ ވެސް ފަނޑިޔާރު އަބްދުޣަނީއެވެ.
މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ފަނޑިޔާރު ޣަނީ ވަނީ މަދަނީ ކޯޓުގެ ޤާޟީކަން ވެސް ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ހުށަހަޅާފައިވާ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއަކީ 2015 ވަނަ އަހަރުގެ ޖޫން މަހު ހައި ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ. އޭނާ ވަނީ ގއ. ދެއްވަދޫ އާއި ކ. ދިއްފުށީ ކޯޓާއި ޖުވެނައިލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ.
އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ކުރި ކްރިމިނަލް ކޯޓުގެ ތިން ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި އިސް ގާޒީއެވެ. އޭނާ ހައި ކޯޓަށް އައްޔަން ކުރީ ނަޝީދަށް ޖަލު ހުކުމް ކުރިތާ ތިން މަސް ވެސް ނުވަނީހެވެ.