މަޖީދީ މަގު ދެފަޅިއަށް ބައިކުރުމުގެ ގޮތުން ހޮޅިދަނޑިތަކެއް ޖަހަން ފަށައިފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެއީ އެކްސިޑެންޓް މަދުކޮށް ޓްރެފިކް ޖޭމްވުން ކުޑަކުރުމުގެ ގޮތުން ޖަހަން ފަށާފައިވާ ހޮޅިދަނޑިތަކެއް ކަމަށެވެ.
ގާތްގަނޑަކަށް ދެފޫޓްބައި ތިންފޫޓުގެ އުސްމިނުގެ މިހޮޅިދަނޑިތައް ހުންނަނީ ބިމަށް ހަރުކޮށްފައެވެ. އޮރެންޖް ކުލަ އާއި ހުދުކުލައިގާ ހުންނަ މި ހޮޅިދަނޑިތަކުގައި އަލިއެޅުމުން ދުރަށް ފާޅުވާ ފަދަ ފަށަލައެއް ހުރެއެވެ.
މިހޮޅިދަނޑިތައް ފުތަމަ ޖަހާފައި ވަނީ މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި ގުޅުނު ސަރަހައްދުން މަޖީދީމަގުގެ ދެކޮޅުގައެވެ. ނަމަވެސް މަޖީދީމަގުގެ އެހެން ހިސާބުތަކުގައި ވެސް އެފަދަ ހޮޅިދަނޑިތައް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެހެން މަގުތަކުގައި ވެސް މިގޮތަށް ހޮޅިދަނޑި ޖަހާނެ ކަމަށާއި މަގުގައި ދުއްވާ އެއްޗިއްސަށް ދެން ދަތުރު ކުރެވޭނީ ހޮޅިދަނޑިތަކުގެ ދެފަރާތުން މަގުގެ ދެފަރާތަށް ވާގޮތަށް ކަމަށެވެ. މިއީ މިފަދަ ގޮތަކަށް ހޮޅިދަނޑި ޖަހައިގެން މަގުގެ މެދު ވަކިކުރަން ފެށި ފުރަތަމަ ފަހަރެވެ.
މަޖީދީމަގުގައި މިފަދަ ގޮތަކަށް ހޮޅިދަނޑިތަކެއް ޖަހާއިރު މީގެ ކުރިން ވަނީ ބައެއް މަގުތަކުގެ މެދުގައި ހަތަރު އިންޗީގެ ގަލުން މަގުގެ މެދު ވަކިކޮށްފައެވެ.