ރަޝިއަން ފެޑަރޭޝަނަށް ދިވެހިރާއްޖެ އިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ ނަން ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެމަޖިލީހުން ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު ބޭއްވި ޖަލްސާގައި ރާއްޖެއިން ކަނޑައަޅާ ރަޝިއާގެ ސަފީރު ކަމަށް މުއްދުއަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ އިއްތިފާގުންނެވެ.
މުންދުއަކީ މިހާރު ވެސް ސްރީލަންކާ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާ ފަދަ ބައެއް ބޮޑެތި ގައުމުތަކުން ސަފީރުން އައްޔަން ކުރަނީ ލަންކާ އާއި ރާއްޖެއާ ދެގައުމަށެވެ. އަދި ބައެއް ގައުމުތަކުގެ އެމްބަސީތައް ރާއްޖޭގައި ހުރި ނަމަވެސް ގިނަ ގައުމުތަކުގެ އެމްބަސީތައް ހުންނަނީ ވެސް ލަންކާގައެވެ.