ހުޅުލެ އާއި މާލެއާ ދެމެދު އަޅަމުން އަންނަ ބްރިޖްގެ މަސައްކަތްތަކުގައި ބޭނުންކުރާ ކޮޅުވެއްޓިއެއް މާލޭ ހުޅަނގު ދެކުނު ފަރާތު ނެރުކައިރިއަށް އަރައިފިއެވެ.
ބުދަ ދުވަހުގެ މެންދުރު މި ކޮޅުވެއްޓި ފަރަށް އުރިފައިވާއިރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފްއިން ފުރަތަމަ ބުނީ އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ބާޖުގައި ސިފައިންނާއި ފުލުހުން ވެސް ހަރަކާތްތެރިވަމުން ދަނިކޮށް އެމްއެންޑީއެފްއިން ފަހުން ބުނެފައި ވަނީ އެއީ އެއްވެސް ހާދިސާއެއް ހިނގައިގެން ނޫން ކަމަށާއި ކަނޑުތޮށި ކައިރީގައި ބާޖް މަޑުކޮށްލައިގެން އޮތީ ކަމަށެވެ.
އެމްއެންޑީއެފުން އެހެން ބުނި ނަމަވެސް ވެލި އަރުވާފައިވާ އެ ބާޖްގެ ދިރުނބާކޮޅު ދެކުނަށް އޮތްއިރު ބާޖުއޮތީ އިރުމައްޗަށް އަރިއަޅާލާފައެވެ.
މީގެ ކުރިން ވެސް ބްރިޖްގެ މަސައްކަތުގައި ހަރަކާތްތެރިވާ ބައެއް އުޅަނދުފަހަރަށް މިފަދަ ހާދިސާތައް މެދުވެރިވެފައިވީ ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ގެންދަނީ އެކަން ސިއްރުކުރަމުންނެވެ. އަދި ބްރިޖް ހެދުމުގެ މަސައްކަތްކަތުގައި އުޅޭ މީހުންނަށް ތަފާތު އެކި ހާދިސާތަކުގައި ބޮޑެތި އަނިޔާތައް ލިބުނު ނަމަވެސް އެކަން ވެސް މީޑިއާ އާށް ދަނީ ސިއްރުކުރަމުންނެވެ.