މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން މިހާރު ކަނޑައަޅާފައިވާ ތާރީހަށް ވުރެ ފަސް ވެދާނެ ކަމަށް އިލްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރިޔާސީ އިންތިހާބު 2018 ގެ ތައްޔާރީތަކާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން މިހާރު ކަނޑައަޅާފައިވާ ތާރީހް ކަމަށް ޖުލައި 15 ގައި އެކަން އިއުލާން ނުކުރެވުނަސް ހަފްތާއެއްހާ ދުވަހަށް ވުރެ ފަސްވެގެން ނުދާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައިވާ ތާރީހު ކަމަށްވާ ސެޕްޓެމްބަރު 23 ގައި އޮންނާނެ ކަމަށާއި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
ރައީސް ރިޔާސީ ދައުރާ ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ ގާނޫނުއަސާސީގައި ބުނަނީ ފަސް އަހަރުގެ ދައުރެއް ކަމަށާއި ރާއްޖޭގައި އާއްމުކޮށް އިންތިހާބުވާ ރައީސުން މަގާމާ ހަވާލުވަނީ ނޮވެމްބަރު މަހުގެ 11 ގައި ނަމަވެސް މިހާރު ރައީސަކަށް ހުންނެވި އަބްދުﷲ ޔާމީން ވެރިކަމުގެ ހުވާ ކުރައްވާފައި ވަނީ ނޮވެމްބަރު މަހުގެ 17 ގައި ކަމަށެވެ. އެހެންކަމުން އެކަމުގައި ސުވާލުތަކެއް އުފެދޭތީ ބަންޑާރަ ނައިބުގެ ލަފަޔަކަށް އެދިފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ބަންޑާރަނަ ނައިބުގެ ލަފާ ލިބުނާހާ އަވަހަކަށް މީޑިއާތަކާ ހިއްސާކުރައްވާނެ ކަމަށެވެ.
ނަމަވެސް ޝަރީފް ވިދާޅުވީ އެކޮމިޝަނުން ރިޔާސީ އިންތިހާބާ ގުޅޭ އިދާރީ މަސައްކަތްތަކާއި ކަންކަން ކުރުމުގައި ބަލާފައިވާނީ ނޮވެމްބަރު 11 އަށް ބަލައިގެން ކަމަށެވެ.
އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު، ބާތިލް ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވަނީ ބާތިލް ކޮށްފައެވެ. އެމައްސަލައިގެ ތެރެއަށް ޕީޕީއެމް ވެސް ތަދައްހުލްވެ، އަދި އެޓާރނީ ޖެނެރަލްގެ ލަފާގެ މަތިން އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ ގައިޑްލައިނެއް ނެރެ، އަލުން ރިޔާސީ އިންތިހާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އޭގެ ފަހުން ބޭއްވި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓާ ހަމައަށް ވޯޓު ލިބިފައި ނުވާތީ، ދެވަނަ ބުރެއް ބާއްވަން ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ފުލުހަކު އިންތިހާބު ބޭއްވިޔަ ނުދީ ހިފެހެއްޓި މައްސަލައަކީ ގައުމީ ބޮޑު މައްސަލައަކަށް ވިޔަސް އެމައްސަލަ ވަނީ އޮއްބާލާފަ އެވެ. އަދި އޭގެ ފަހުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވިފައި ވަނީ 2013 ނޮވެމްބަރު 11ގެ ފަހުން ނެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ އަމުރަކުން އޭރު ވެރިކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވަނީ ރައީސް ޔާމީން މަގާމުގެ ހުވާކުރައްވަންދެން ރައީސް ކަމުގެ މަގާމު ފުރުއްވާފައެވެ.
ރައީސް ޔާމީން ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެން ހުވާ ކުރައްވަފައިވަނީ 2013 ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.