ވޯޓު ފޮށިތައް އެހެން ސަރަހައްދުތަކަށް ގެންގޮސް ވޯޓު ގުނުމުގެ ކަންކަން ކުރިއަށްގެންދަން ތާއީދު ނުކުރާ ކަމަށާއި އެފަދަ ގޮތަކަށް ކަންކަން ގާނޫނުގެ ތެރެއިން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ވޯޓު ފޮށިތައް މާލެ ގެނެސް ގުނާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްކުރާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ވޯޓުލުމުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން ގެންނަ އިސްލާހުތަކަކީ އެ ކޮމިޝަނާ މަޝްވަރާކުރެވިގެން ގެނެވޭ އިސްލާހުތަކެއް ކަމަށާއި ނަމަވެސް ވޯޓުލާ މަރުކަޒު ނޫން ތަނަކަށް ވޯޓު ފޮށި ގެންގޮސްގެން ވޯޓު ގުނުމާ ބެހޭ ގޮތުން އެއްވެސް ވަރަކަށް މަޝްވަރާކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ އިސްލާހެއް ހުށަހެޅި ނަމަވެސް އެކަމަށް ކޮމިޝަނުން ތާއީދުނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގައި ބުދަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސްގައި އެ ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ ވޯޓު ގުނާނެ ގޮތް ގާނޫނުއަސާސީގައި އެބަ އޮތް ކަމަށާއި ގާނޫނަކުން އެކަން ބަދަލު ނުކުރެވޭނެ ކަމަށެވެ. ގާނޫނުއަސާސީގެ 171 ވަނަ މާއްދާގެ (ށ) ގައި ވަނީ ކޮންމެ ވޯޓެއް ނަގައި ނިމުމާ އެކު ވޯޓުލާ ކޮންމެ މަރުކަޒެއްގައިމެ، އި ލެކްޝަންސް ކޮމިޝަނުން އެ މަރުކަޒެއް ޙަވާލުކޮށްފައިވާ މީހަކު، ކުރިމަތިލީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތިބި ނަމަ، އެ ބައެއްގެ ހާޒިރުގައި އަދި އެ ވޯޓެއް ގުނުމުގެ ކަންތައްތައް ބެލުމަށް ޤާނޫނު ހުއްދަކުރާ އެނޫން ވެސް ބައެއްގެ ހާޒިރުގައި އެ މަރުކަޒެއްގެ ވޯޓު ގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެ މަރުކަޒަކުން ލިބުނު ވޯޓުގެ ޢަދަދު ނުވަތަ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓަށް ހުށަހެޅިފައިވާ ސުވާލަށް ލިބިފައި ވާ ވޯޓުގެ ޢަދަދު ލިޔެ ބަލަހައްޓައި، އެ މަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެ މަރުކަޒެއްގައި އި ޢުލާންކުރަންވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް އުނިވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލުނުކުރާނެ ކަމަށާއި އެފަދަ ކަމަކަށް ތާއީދު ވެސް ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން ޝަރުތުތައް ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނިކޮށް އެ ފުރުސަތު ހަނިކުރުމަށް އިތުރު ޝަރުތުތަކެއް ގާނޫނަކުން ގެނައުމަށް ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވޭ ނޫންތޯ ރާއްޖެއެމްވީން ސުވާލުކުރުމުން ޝަރީފް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން އެއްޗެއް ބުންނަ ބޭނުން ނުވާ ކަމަށެވެ.