އައްޑޫ ސިޓީ ފޭދޫ ބޮޑުމަގުފައި ހިނގި އެކްސިޑޭންޓްގައި އަނިޔާވި ދެ މީހުން މާލެ ގެންނަން ހަމަޖެހިފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނީ މާލެއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވި އުމުރުން 26 އަހަރުގެ ޒުވާނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށާއި 35 އަހަރުގެ މީހާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންގެ މޫނާއި ބޮލަށް އަނިޔާވެފައިވާ އިރު އެކެއްގެ އަތަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 01:18 ހާއިރު ކަމަށެވެ.