އދ ގެ މެމްބަރު ޤައުމުތަކުގެ ކައުންޓަރ ޓެރަރިޒަމް އެޖެންސީތަކުގެ އިސްވެރިންނަށް ބާއްވާ "ޔުނައިޓެޑް ނޭޝަންސް ހައިލެވެލް ކޮންފަރެންސް އޮފް ހެޑްސް އޮފް ކައުންޓަރ ޓެރަރިޒަމް އެޖެންސީސް އޮފް މެމްބަރ ސްޓޭޓްސް"ގައި ބައިވެރިވެވަޑައިގަތުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އަނަގާރަ ދުވަހު ފުރާވަޑައިގެންފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ ކޯޑިނޭޓަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ މިކޮންފަރެންސަކީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އިސްނެންގެވުމާއި، 2017 ސެޕްޓެމްބަރުގައި ބޭއްވުނު ޔޫއެން ޖެނެރަލް އެސެމްބްލީގައި ބައިވެރިވި 152 ގައުމެއްގެ މަންދޫބުންގެ އެދުމުގެ މަތިން މިމަހުގެ 28 އިން 29 އަށް އދ ގެ މައިމަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސެއް ކަމަށެވެ.
އާޒިމް ވިދާޅުވީ މިކޮންފަރެންސަކީ މެމްބަރު ގައުމުތަކުގެ މެދުގައި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ގުޅުންތައް ހަރުދަނާކުރުމަށްޓަކައި ކައުންޓަރ ޓެރަރިޒަމް އެޖެންސީތަކުގެ ވެރިންގެ ފެންވަރުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.
މިކޮންފަރެންސްގައި އދ ގެ މެމްބަރު ގައުމުތަކުގެ ކައުންޓަރ ޓެރަރިޒަމް އަދި ކައުންޓަރ ވައިލަންސް އެކްސްޓްރީމިޒަމް ސިޔާސަތު ތަކާއި ސްޓްރެޓެޖީތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމާއި، މެމްބަރު ގައުމުތަކުގެ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ދާއިރާތަކާއި، އެދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. މީގެ ސަބަބުން ދިވެހިރާއްޖެއަށް މިދާއިރާއިން ރަނގަޅު ފައިދާތަކެއް ލިބިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.