ވިޔަފާރިތަކަށާއި ގުދަންކުރަން މުދާއުފުލާ އުސޫލަށް ބަދަލު ގެނެސް ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލަން ހުއްދަ ދީފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭގެ އެއްގަމު ދަތުރުކުރުމަށް އައި ބޮޑު ބަދަލާ އެކު ޓްރާންސްޕޯޓުން މިހާރު ކަނޑައަޅާފައިވާ ގަޑިތަކުގައި މުދާއުފުލުމުގައި ވިޔަފާރިވެރިންނަށް ދަތި ކުރިމަތިވަމުންދާތީ އަންގާރަ ދުވަހުން ފެށިގެން ދުވާލުގެ ވަގުތުތަކުގައި 350 ކިލޯއަށް ވުރެ ދަށުގެ މުދާ އުފުލުން ހުއްދަކޮށްފައިވާ ކަމަށެވެ. އެއީ ކުޑަ ޕިކަޕެއްގެ މުދަލެވެ.
މުދާ އުފުލާ ގަޑިތަކަށް ގެނައި މި ބަދަލަކީ ވަގުތީ ބަދަލެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. ވިޔަފާރިތަކަށް ގަނޑުކޮށް މުދާ އުފުލުމާއި ގުދަންކުރުމަށް ލޮރީތަކުގައި މުދާއުފުލުން ރޭގަނޑަށް ބަދަލުކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައި އެ އުސޫލަށް އަމަލުކުރަން ފަށާފައި ވަނީ މިދިޔަ މާޗް މަހުގެ ކުރީކޮޅުއެވެ. އެ ބަދަލާ އެކު ވިޔަފާރިވެރިންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެ ކަސްޓަމުން މުދާ ނެރުން ލަސްވެ ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.