ދިވެހިރާއްޖޭގެ ސްކޫލުތަކަށް ދިވެހި ޕްރިންސިޕަލުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށާފައިވާ މަޝްރޫޢުގެ ދެވަނަ ބުރުގައި 30 ޕްރިންސިޕަލުން މެލޭޝިއާގެ ޔުނިވަރސިޓީ ޓެކްނޮލޮޖީ މާރާގާގައި މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމެންޓް އެންޑް ލީޑަރޝިޕްގެ ރޮނގުން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި 30 ފުރުސަތުގެ ތެރޭގައި ކޯސްފީ ހިލޭ ލިބޭ 10 ސްކޮލަރޝިޕް ހިމެނެއެވެ. ދަރިވަރުން އަމިއްލައަށް ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ސަޕްލިމެންޓްރީ ލޯނުގެ ދަށުން ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ހަމަޖައްސައި ދެއެވެ. އަދި އަނެއް 20 ފުރުޞަތުގެ ދަށުން، ކޯސް ފީ، އަދި އެހެނިހެން ޚަރަދުތައް ވެސް ސަޕްލިމެންޓްރީ ލޯނުގެ މެދުވެރިކޮށް ހަމަޖައްސައިދެއެވެ.
މިނިސްޓްރީން ބުނީ، މި ފުރުސަތުތަކަށްޝަރުތު ހަމަވާ އެންމެނަށް ވެސް ކުރިމަތި ލެވޭނެ ކަމަށެވެ. އެހެން ނަމަވެސް މި ސްކޮލަޝިޕްތަކުގެ ދަށުން ފުރުސަތު ދިނުމުގައި އިސްކަންދޭނެ 30 ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަނޑައަޅައި އިއުލާން ކޮށްފައެވެ. އެހެން ކަމުން ނޮމިނޭޓް ކުރުމުގައި ފުރުސަތުތަކަށް ކަނޑައެޅިފައިވާ ރަށްތަކަށް ހުށައަޅާ ކެންޑިޑޭޓުންނަށް އިސްކަންދެއެވެ.
މިކޯހުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް ނުވަތަ ކިޔަވައިދިނުމުގެ ދާއިރާ އިން ބެޗްލަރސް ޑިގްރީއެއް ހާސިލު ކުށްފައިވުމާ އެކު ޓީޗިންގ އެޑްމިނިސްޓްރޭޝަން ދާއިރާއިން އެއް އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ، އެޑިޔުކޭޝަން ނުވަތަ ކިޔަވައި ދިނުމުގެ ދާއިރާއިން އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާ އެކު ޓީޗިންގ އެޑްމިނިސްޓްރޭޝަން ދާއިރާއިން ތިން އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމެވެ.
މީގެ އިތުރުން ޓީޗިންގ ސަރވިސް އޮފިސަރގެ ޝަރުތު ހަމަވުމާ އެކު ލީޑިން ޓީޗަރގެ މަގާމުގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ޓީޗިން ސަރވިސްގެ ޝަރުތު ހަމަވުމާ އެކު ކިޔަވައިދިނުމުގެ ރޮނގުން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވެސް މި ފުރުސަތުތަކަށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިފުރުސަތުތަކަށް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މިފެށޭ ޖުލައި މަހުގެ 10ވާ އަންގާރަ ދުވަހެވެ.
ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ފުރަތަމަ ބުރުގެ 30 ޕްރިންސިޕަލުން މިހާރު ދަނީ މާސްޓާރޒް ކޯސް ސްރީ ލަންކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި ފުރިހަމަ ކުރަމުންނެވެ.