އަދާލަތު ޕާޓީގެ ރައީސްކަމުގައި ހުންނެވި ޝެއިޚް އިމްރާން އަބުދުﷲ އަނެއްކާ ވެސް ގެއަށް ބަދަލުކޮށްފިއެވެ.
އިމްރާން ގެއަށް ބަދަލުކުރައްވާފައި މި ވަނީ، އޭނާ ހުންނަވާ ގޮޅި މަރާތުކުރުމަށެވެ. ކަރެކްޝަންގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން ވަނީ އިމްރާނު ގޭ ބަންދަށް ބަދަލުކުރިކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އިމްރާން ބަދަލުކުރީ، އޭނާ ހުންނަވާ ގޮޅިގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އަދި ގޮޅި ނިމުނުހާ އަވަހަކަށް އަނބުރާ ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ޝައިހް އިމްރާން މީގެ އަށް މަސް ކުރިން ވެސް ގޭ ބަންދަށް ބަދަލުކުރިއެވެ. އެފަހަރު ގޭ ބަންދަށް ދޫކުރީ އެމަނިކުފާނަށް އަލަށް ފިރިހެން ދަރިފުޅަކު ލިބިވަޑައިގެންނެވި ދުވަހުއެވެ.
އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރި ކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތެއް ދެއްކި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ވުމުންނެވެ.