ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ހިންގާ "ޖަޒީރާ ރާއްޖެ" ޕޯސްޓަރުތައް ހިއްޕިމުގެ ހަރަކާތުގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އަންގާރަ ދުވަހު ހަވީރު މާފަންނުގައި ކުރިއަށް ގެންދިޔަ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތަށް ފުލުހުން ހުރަސް އަޅައި ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑާ) އާއި އެމްޑީޕީގެ ޔޫތުވިންގު މެމްބަރު މައިމޫނެވެ. އެމްޑީޕީގެ ޗެއާޕާޝަންގެ ނާއިބު އަލީ ނިޔާޒާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަބްދުﷲ އާއި، މައްޗަށް ގޯޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ބައެއް ސަޕޯޓަރުން ބައިވެރި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ފުލުހުން އެއްވެސް ވަރަކަށް ފުރުޝަތު ދީފައެއް ނުވެއެވެ.

ޖާޒީރާ ރާއްޖެގެ ޕޯސްޓަރުތައް ފާރުގައި ހަރަކުރުމުން، އެ ޕޯސްޓަރުތައް ފުލުހުން ނެއްޓުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ފުލުހުންގެ މުވައްސަސާއަކީ ހަމަހަމަކަމާ އެކު ދިވެހި ރައްޔިތުންނާ މެދު އަމަލުކުރަން ޖެހޭ ބައެއް ކަމަށާއި، އެހެންމަވެސް މިއަދު ފެންނަނީ "ފުލުހުން މުޅިން އެއްކޮށް ޣައިރު ގާނޫނުވާ ތަން" ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުރިހާ މުއައްސަސާތަކާއި، ފުލުހުން ބޭނުންކޮށްގެން ކެމްޕެއިން ހަރަކާތްތައް ހުއްޓުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަން މިފެންނަނީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތަށް ފަށޭހަކަމާ އެކު ކުރިއަށްދާތަން، އޭގެ ބަދަލުގައި އެމްޑީޕީން ކިރިޔާވެސް އެމްޑީޕީގެ ހަރަކާތަށް ނުކުމެލާއިރަށް ފުލުހުން ނުކުމެ އެބަ ހުރަސް އަޅާ، އަޅުގަނޑުމެންގެ ޕޯސްޓަރުތައް މިއަދު އެގެންދިޔައީ، މީހުންގެ އަމިއްލަ ގޭގޭގައި ހަރަކުރާ އެމްޑީޕީގެ ޕޯސްޓަރުތައް ފުލުހުން އައިސް ޖަހައިގަނެގެން އެގެންދިޔައީ، ނުވިތާކަށް މީހުން ވެސް ހައްޔަރުކޮށްގެން ގެންދަނީ،" ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އީވާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މާރިޔާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންނާ ހިޔާލު ތަފާތުވާ މީހުންނަކީ ބިދޭސީންގެ ގޮތުގައި ސަރުކާރުން ދެކި، އެމީހުންގެ އަމިއްލަ ވަންތަކަން ވެސް މިއަދު ނެތް ކަމަށެވެ. އަމިއްލަ ގޭގައި ހަރުކުރާ ޕޯސްޓަރުތައް، ނެއްޓުވުން ފަދަ ކަންކަން ކުރުން ހުއްޓާލުމަށް ރައީސް ޔާމީންގެ ސަރުކާރަށް މަޖިލިސް މެންބަރު މާރިޔާ ދީދީ ވަނީ އިލްތިމާސްކުރައްވާފައެވެ.
އެމްޑީޕީން ހޯމަ ދުވަހު ވެސް ވަނީ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެ ހަރަކާތްތައް ހުއްޓުވާފައެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ގޭގެއަށް ގޮސް ހިންގާ ކެމްޕެއިނަށް ހުރަސް ނާޅާއިރު އެ ފަރާތްތަކަށް ފުލުހުން ގެންދަނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.