އިންތިޚާބުން ބަލިވާނެކަން ޔަގީންވުމުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާރު ގެންދަވަނީ އިންތިޚާބަށް ކުރިތިލާ ކެންޑިޑޭޓުން ޑިސްކޮލިފައި ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ރައީސް މި ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ސަރުކާރުން ރިޔާސީ އިންތިޚާބަށް ކުރަމުންދާ ޑޯ ޓު ޑޯ ކެމްޕެއިނުގެ ތެރޭގައި ލަދުގަންނަވާލައިފި ކަަމަށާއި ރިޔާސީ އިންތިޚާބުން ބަލިވާނެކަން ޔަގީންވުމުން މިހާރު މަސައްކަތްކުރަމުން ދަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށް ވެރިކަމުގައި ދެމިހުރުމަށްޓަކައި ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންގެ ޝަރުތުހަމަނުވާ ގޮތަށް ގާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމިނާއި ދިވެހި ސަރުކާރާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އެގޮތުން އދ. އާއި ޔޫރަޕިއަން ޔޫނިއަން ކައުންސިލާއި އަދި އިންޑިއާ ސަރުކާރުން، ރައީސް ޔާމިނާއި ދިވެހި ސަރުކާރާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ޑރ. ޖަމީލް ގޮވައިލެއްވިއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވިއިރު، ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ ފަރާތްތަކަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އަދި އުއްތަމަފަނޑިޔާރުގެ މަގާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ފެންނަ ކަމަށް ނިންމައި، އޭނާ އެ މަގާމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް އަބްދުﷲ ޔާމީނަށް އަންގާރަ ދުވަހު ވަނީ ހުށަހަޅާފައެވެ.