އުއްތަމަފަނޑިޔާރުގެ މަގާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ފެންނަ ކަމަށް ނިންމައި، އޭނާ އެ މަގާމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅުއްވައިފިއެވެ.
އުއްތަމަފަނޑިޔާރުގެ މަގާމަށް ޑރ. ދީދީ އައްޔަން ކުރުމަށް ޖޭއެސްސީން ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅަން ނިންމީ އަންގާރަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށް ރައީސަށް ހުށަހެޅުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ގާނޫނުއަސާސީގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން މަޖިލީހަށް ހުށަހެޅުމަށް ފަހު، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް ހުށަހަޅާފައިވާ ޑރ. ދީދީއަކީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލްގެ މަގާމުގައެވެ. ޑރ. ދީދީ ވަނީ 2008 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ ނައިބުގެ މަޤާމު ފުރުއްވާފައެވެ. އޭނާ ޕީއެޗްޑީ ނެންގެވީ ވެސް ހަމަ އެ އަހަރުވެ.
އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ، ޑރ. ދީދީ މަތީ ތައުލީމު ހާސިލު ކުރެއްވީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީންނެވެ. އޭނާ ހާއްސަވެފައި ވަނީ ޕަބްލިކް އިންޓަނޭޝަނަލް ލޯގެ ރޮނގުންނާއި ކޮންސްޓިޓިއުޝަނަލް ލޯގެ ރޮނގުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ހުށަހެޅި ފަނޑިޔާރު ޢަބްދުލްޣަނީ 2004 ވަނަ އަހަރުން ފެށިގެން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި 2008 ވަނަ އަހަރުން 2011 ވަނަ އަހަރަށް އެ ކޯޓުގެ އިސް ގާޒީގެ މަގާމު އަދާ ކުރައްވީ ވެސް ފަނޑިޔާރު އަބްދުޣަނީއެވެ.
މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ފަނޑިޔާރު ޣަނީ ވަނީ މަދަނީ ކޯޓުގެ ޤާޟީކަން ވެސް ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ހުށަހަޅާފައިވާ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއަކީ 2015 ވަނަ އަހަރުގެ ޖޫން މަހު ހައި ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ. އޭނާ ވަނީ ގއ. ދެއްވަދޫ އާއި ކ. ދިއްފުށީ ކޯޓާއި ޖުވެނައިލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ.
އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ކުރި ކްރިމިނަލް ކޯޓުގެ ތިން ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީއެވެ. އޭނާ ހައި ކޯޓަށް އައްޔަން ކުރީ ނަޝީދަށް ޖަލު ހުކުމް ކުރިތާ ތިން މަސް ވެސް ނުވަނީހެވެ.