މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލްގެ) އެންޓަޕްރައިސް ރިސޯސް ޕްލޭނިން (އީއާރްޕީ) ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތަށް ކޮންސަލްޓަންސީ ދިނުމަށް ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ކޭޕީއެމްޖީއާ ހަވާލުކޮށްފިއެވެ.
އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމެވެ. ކޭޕީއެމްޖީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕާޓްނަރ ސާލިޔާ ޖަޔަވީރައެވެ.
އެމްޕީއެލުން ބުނީ މިއެއްބަސްވުމުގެ ދަށުން، އެމްޕީއެލްގައި އީއާރްޕީ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ދިރާސާތައް ހެދުމާއި، އެމަސައްކަތުގައި ފަންނީ ލަފާ ކޭޕީއެމްޖީ އިން ފޯރުކޮށްދޭނެ ކަމަށެވެ. އީއާރްޕީއަކީ އެމްޕީއެލްގެ މަސައްކަތްތަކަށް ބޭނުންކުރާ އެކި ވަސީލަތްތަކާއި، ލިޔެކުއުންތައް އެއް ސިސްޓަމެއްގެ ދަށަށް ގެނެސް އެމްޕީއެލްގެ ހިންގުން ޒަމާނީ ކުރުމަށް ކުރާ މަސައްކަތެކެވެ.
އެމްޕީއެލުން ބުނީ މި ސިސްޓަމްގެ ސަބަބުން ޒަމާނީ ނިޒާމެއްގެ ތެރެއިން އެމްޕީއެލްގެ އިދާރީ ހިންގުމާއި އޮޕަރޭޝަން ލެވެލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މިފަދަ މަސައްކަތްތައް ކުރުމުގައި ކުންފުނިން ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް މޮނީޓާ ކުރުމަށް ފަށޭހަވެފައި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއަށް ކުންފުނީގެ މައިގަނޑު ހުރިހާ މަސައްކަތްތައް ހިމެނިގެންދާނެއެވެ. އަދި ފްލީޓް މެނޭޖްމަންޓް ވެސް ސިސްޓަމެއްގެ ތެރެއިން ބެލެހެއްޓިގެންދާނެ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ކުންފުނީގެ ހިންގުން ޒަމާނީކުރުމަށް މަސައްކަތް ކުރަމުންދާއިރު، މިހާރު އެކުންފުނިން ޚިދުމަތްތައް ހޯދާ މީހުންނަށް އޮންލައިންކޮށް ބައެއް ޚިދުމަތްތައް ވެސް ވަނީ ތައާރަފްކޮށްފައެވެ.