މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ވަމުންދާއިރު، ރިޔާސީ އިންތިހާބާ ގުޅުން ހުރި ގާނޫނުތަކަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ތިން ބިލް ވެސް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށް، އެބިލްތައް ދިރާސާ ކުރުމަށް ކަމާބެހޭ ކޮމެޓީތަކަށް ފޮނުވައިފި އެވެ.
އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމެޓީތަކަށް ފޮނުވި ތިން ބިލަކީ ރިޔަސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލަކާއި އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލެކެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެގައި ހުންނަަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ހ)ގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން، އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައިވާ ކަމަށްޓަކައި، ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާ ނަަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ، އެމީހަކު ބޭރު ގައުމުގެ ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނަށް ސަރުކާރަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީގެ އަދަދު 100،000ރ. އަށް އިތުރު ކުރުމަށެވެ. އިދާރީ ފީއެއްގެ ގޮތުގައި މިހާރު ނަގަމުން ދަނީ 40،000ރ. އެވެ.
އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ސަރުކާރަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލްގައި ގިނަ އިސްލާހުތަކެއް އެގާނޫނަށް ގެންނަން ހުށަހަޅަފައި ވެއެވެ.
އެ ތިން ބިލް މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ތިން ބިލު ވެސް ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ މިނިވަން މުއައްސަސާތަކަބެހޭ ކޮމެޓީއަށެވެ.
އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން އެ ތިން ބިލް ވެސް އެޖެންޑާ ކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ)ގެ ދަށުން ވޯޓަށް އަހައިގެން ކުރިއަށް ގެންދާ ގޮތަށެވެ. އެއީ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ބިލަކާ ގުޅިގެން ހިންގަންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެކިއެކި މަރުޙަލާތައް، އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ ރައީސް ހުށަހަޅާ ހުށަހެޅުމަކުން، އަދި އިތުރު ބަހުސްއަކާ ނުލައި މަޖިލީހުން ފާސްކުރާ ގޮތަށެވެ.
އެ ތިން ބިލް ވެސް މަޖިލީހަށް ހުށަހެޅީ ހޯމަ ދުވަހު އެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ބައިވެރިވެވަޑައިގަންނަވާފައެއް ނުވެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލިސް ބޮއިކޮޓް ކޮށްފައިވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ގަދަކަމުން މަސީހު އިންނަވައި މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދަވާތީ ކަމަށް ބުނެއެވެ. މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ވަނީ މަޖިލީހުގެ ރައީސަކީ މަސީހު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.