ދިވެހިރާއްޖޭގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ޑިމޮކްރަސީ އާއި ޑިމޮކްރަޓިކް މުއައްސަސާތުގެ ބާރު ނެތިގެން ދާތީ އެކަމާ އިންތިހާ އަށް ކަންބޮޑުވާކަމަށާއި މިއަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ކަމަށްވުމުގެ އުންމީދު ކުޑަވަމުންދާ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނެފިއެވެ.
ރާއްޖޭގެ ހާލަތާ ބެހޭގޮތުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮސްޓްރޭލިއާ އިން ދިވެހި ސަރުކާރަށް ގޮވާލަނީ ދިވެހި ހުރިހާ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނވަންކަމަށް ދިވެހި ސަރުކާރުން އިހުތިރާމްކުރުމަށް ކަމަށާއި، އެގޮތުން ދިވެހި ސަރުކާރުން އެއްވެ އުޅުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަދި އަދި އިންތިޚާބީ އެކިކަންކަމުގައި ރައްޔިތުންނަށް ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ގޮވާލާކަމަށެވެ. އަދި މިނިވަން އިންސާފުވެރި އިންތިޚާބެއްގައި ކޮންމެހެން ހުންނަން ޖެހޭ އެއްކަމަކީ ގާނޫނީ ހުދޫދުތަކުގެ ތެރެއިން އިދިކޮޅު ހިޔާލުތަކަށް ފުރުސަތު ދިނުންކަމަށާއި، އަދި ސިޔާސީ ހުރިހާ ކުށްވެރިން ދޫކޮށްލުމަށްވެސް ބަޔާނުގައި ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ.
އޮސްޓްރޭލިއާ އިން ރާއްޖޭގެ ހާލާތާ މެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި އިތުރަށް ބުނީ ރިޔާސީ އިންތިޚާބަށް މިއޮތް ދުވަސްތަކުގައި ރާއްޖޭގެ ހާލަތު ގާތުން ބަލަމުން ދާނެ ކަަމަށެވެ.
ސަރުކާރުން ވާދަވެރި ސިޔާސީ ހަރާކަތްތަކަށް ފުރުސަތުނުދޭތީ އާއި އަދި ރާއްޖޭގައި ސިޔާސީ ކުށްވެރިން ތިބުމުގެ ސަބަބުން ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ޕްރެޝަރު ސަރުކާރަށް ދަނީ އިންތިހާ އަށް އަންނަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ މުސްތައްގިލު މަގާމުތަކަށާއި އަދި މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކަށް ނުފޫޒު ފޯރުވަމުން ދާކަމުގެ ތުހުމަތު އިންތިހާއަށް ކުރެވެމުންނެވެ.
ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ތާވަލު ކުރިނަމަވެސް މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވޭނެ ފުރުސަތު ފެންނަ މަންޒަރުތަކާއި ދައުލަތުގެ ކަމާބެހޭ އެކު މުއައްސަސާތަކުން ކަންކަން ކުރަމުންދާގޮތުން ނުފެންނަ ކަމަށް ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކުން ދަނީ ކެނޑިނޭޅި ބުނަމުންނެވެ.