ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކެމްޕެއިން ކުރުމަށް ޖާގަ ނުދޭ ކަމަށްބުނެ އިލެކްޝަންސް ކޮމިޝަންގައި އޮންނަ ޤައުމީ ލަފާދޭ ކޮމެޓީގެ އަންގާރަ ދުވަހުގެ ބައްދަލުވުން އެމްޑީޕީން ބޮއިކޮޓް ކޮފިއެވެ.
އެކޮމެޓީގެ ބައްދަލުވުން ދޫކުރައްވާ ނުކުމެވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓު, ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން މެނޭޖަރު މުހައްމަދު އަސްލަމު ވިދާޅުވީ އެމްޑީޕީގެ ކެމްޕޭނަށް އެއްވެސް ވަރަކަށް ފުރުސަތު ނުދޭ ކަމަށެވެ. މާލެއިން އެމްޑީޕީގެ ހަރަކާތްތަކަށް ތަންތަން ނުލިބޭ އިރު، އެމްޑީޕީގެ ހަރަކާތްތަކަށް ހުރަސްއަޅާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން ހޯމަ ދުވަހު އެމްޑީޕީން ހިންގި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ހުއްޓުވި އިރު އެމްޑީޕީން ހުކުރު ދުވަހު ބޭއްވި ޖަޒީރާ ރަން ހުއްޓުވިކަން އަސްލަމު ފާހަގަ ކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕީން ބޭނުންވަނީ ރައްޔިތުންނާ ބައްދަލުވެ އެމްޑީޕީން ކޮށްދޭނެ ކަންކަމުގެ ވާހަކަތައް ދައްކަން ކަމަށާއި ނަމަވެސް އެއަށްވުރެ ކުރިން ބައްދަލުކުރަނީ ފުލުހުން ކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލު ކުރުމަށް ފުލުހުން ހުރަސްއަޅަމުންދާ ކަމަށެވެ.
އަސްލަމު ވިދާޅުވީ ކެމްޕޭނަށް ހުރަސް އަޅަނީ ވަކި ބޭފުޅަކަށް ކެމްޕޭން ކުރާތީ ކަމަށް ބުނެ ކަމަށާއި ނަމަވެސް އެ ކެމްޕޭނަކީ މުޅި އެމްޑީޕީގެ ކެމްޕޭނެއް ކަމަށެވެ. އަދި ޖާގަ ނުދޭންވީ ސަބަބެއް ނެތް ކަމަށް އަސްލަމު ވިދާޅުވިއެވެ.
"އިންތިޚާބެއްގައި ކެމްޕެއިން ހަރަކާތް ބާރަށް ކުރިއަށް ގެންދަން ޖެހޭއިރު ކުރިމަތިލާން މިޖެހެނީ ފުލުހުންނާ. އަޅުގަނޑުމެން ކުރިމަތިލާން މިބޭނުންވަނީ ދިވެހި ރައްޔިތުންނާ. ރައްޔިތުންނާ ހަމައަށް އަޅުގަނޑުމެން ދާން ބޭނުންވަނީ އަޅުގަނޑުމެންގެ މެސެޖާއެކު. އެހެންނަމަވެސް އަޅުގަނޑުމެންނާ ރައްޔިތުނާ ދޭތެރެއަށް ފުލުހުން ވަންނަން މިޖެހެނީ. މިއީ ވަރަށް ދެރަކަމެއް" އަސްލަމް ވިދާޅުވިއެވެ.
އެޑްވައިޒަރީ ކޮމިޓީގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އަޅަނީ އިލެކްޝަންސް ކޮމިޝަންގެ ބައިވެރިވުން ވެސް އޮވެގެން ކަމަށާއި އެމްޑީޕީން އެޑްވައިޒަރީ ކޮމިޓީގައި ދެން ބައިވެރިވާނީ އެޕާޓީގެ ކެމްޕޭނަށް ހުރަސް އަޅާ މައްސަލަ ހައްލުކޮށް ދިނުމުން ކަމަށެވެ.
ނިޔާޒް ވިދާޅުވީ އިންތިޚާބެއް އިންސާފްވެރިވާނީ އެފަދަ މާހައުލެއް އޮވެގެން ކަމަށާއި ކެމްޕޭން ކުރުމުގެ ފުރުސަތު ނެތްނަމަ އެފަދަ މާހައުލެއް ނޯންނާނެ ކަމަށެވެ.
އަންގާރަ ދުވަހު ބޭއްވި ލަފާދޭ ކޮމެޓީގެ 4 ވަނަ ބައްދަލުވުން ބޮއިކޮޓް ކުރެއްވިކަން ހާމަކުރައްވަމުން ނިޔާޒް ވިދާޅުވީ ކޮމެޓީގެ ބައްދަލުވުން ފެށުމުގެ ކުރިން އެމްޑީގެ ކަންބޮޑުވުން ހުށަހެޅުއްވިން ކަމަށާއި ކޮމެޓީ ބޮއިކޮޓް ކުރެއްވީ އެމައްސަލަ ކޮމެޓީގައި އެޖެންޑާކޮށް އެކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ނުކުރުމުން ކަމަށެވެ.
"އަޅުގަނޑުމެން މިކޮމެޓީގައި މިބައިވެރިވަނީކީ މިހާރު އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ތިއްބަވައިގެން އިންސާފްވެރި އިންތިޚާބެއް ބާއްވާނެ ކަމަކަށް ނޫން. އެކަމަކު އަޅުގަނޑުމެން އިތުބާރުކުރަން އަޅުގަނޑުމެން ޕާޓީގެ ޢާއްމު މެންބަރުންނަށް. އެބޭފުޅުން ވޯޓު ފޮށިދޮށުގައި ތިބެގެން ބައްލަވާނެ މިކަންކަން ހިނގަމުންދާގޮތް. އެފުރުސަތު ގެއްލުވާލަންޏާ އެޑްވައިޒަރީ ކޮމެޓީގައި އިނުމުގެ ބޭނުމެއް ނެތް" ނިޔާޒް ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އެމްޑީޕީއަށް ކެމްޕެއިން ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެކަމަށާއި އެކަމަށް ހުރަސްއެޅުމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސްވެސް ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެބޭފުޅާއަށް އެއްވެސް ކަމެއް ކުރެއްވެން ނެތްކަމަށާއި ކަމެއް ކުރެއްވެން ނެތްނަމަ އިސްތިއުފާ ދެއްވުމަށް ޝިފާޒް ގޮވާލެއްވިއެވެ.