ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކުށުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަންގާރަ ދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.
ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާ އާއި ގުޅިގެން އަންގާރަ ދުވަހު ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލްކުރި ވަކި ސަބަބެއް ކޯޓުން ހާމަ ކޮށްފައެއް ނުވެއެވެ.
ރައީސް މައުމޫނާ ދެކޮޅަށް ޓެރަރިޒަމުގެ ދައުވާ ކުރަނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނަށް ރިޝްވަތުދީގެން ހުކުމްތައް ވަކިގޮތަކަށް ނެރުމަށް ރައީސް މައުމޫން މަޖުރޫބުކޮށްފައިވާ ކަމަށް ބުނެއެވެ. ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދިނުމުގެ އިތުރުން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ރައީސް މައުމޫން ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.
ދައުލަތުން ވަނީ ރައީސް މައުމޫނާ ދެކޮޅަށް 33 ހެކި، ގަރީނާ ހުށަހަޅައިފައެވެ. ނަމަވެސް ރައީސް މައުމޫން ވިދާޅުވެފައި ވަނީ ގާނޫނާ ހިލާފު އެއްވެސް ކުށެއް އެމަނިކުފާނު ކުރައްވާފައި ނުވާނެ ކަމަށެވެ.
ރައީސް މައުމޫންގެ ދިފާއީ ހެކީގެ ގޮތުގައި 108 މީހަަކާއި، ދިފާއީ ހެކީގެ ގޮތުގައި 36 ލިޔުމަކާއި ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުމުގެ ގޮތުގައި 29 ހުށަހެޅުމެއް ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފަ އެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފަ އެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައުވާއިރު، ބައެއް ޝަރީއަތްތައް ނިމި ހުކުމްތައްވެސް ވަނީ ކޮށްފައެވެ.
އެގޮތުން ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީި ހުކުމް ކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް އެ ދައުވާ ސާބިތު ކުރީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލާގައެވެ.