މިއީ އެމްޑީޕީ އެންމެ ވަރުގަދަވާނެ އަހަރުކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ 13 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ މެމްބަރުންނަށް ފޮނުވައިފިއެވެ.
އެމްޑީޕީގެ މެމްބަރުންނަށާއި، ޕާޓީއަތަށް ތާއީދުކުރާ ރައްޔިތުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އަހަރީ ދުވަހަކީ "ރައީސް ޔާމީން ސިހުރަކަށް އަޅާ 13 ވަނަ އަހަރީ ދުވަސް" ވެސް ކަމަށެވެ. އަދި ރައީސް ޔާމީން އަމިއްލަ ހާހޫރާގައި ވެސް އެމްޑީޕީ އެންމެ ގަދަވާނެ އަހަރަކިީ މިއީ ކަމަށާއި، އެމްޑީޕީން ވާގި އެދެނީ މާތް ﷲ ގެ ހަޒްރަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
MDP ge mi aharee dhuvahakee Raees Yameen ge sihuru aka alhaa 13 vana aharee dhuvas vesme. Ebeyfulhaa ge amilla haahooraigaives MDP enme gadha vaane aharu. MDP vaagi edheynee Maiy Allah ge hazrathun. MDP memberunai, party ah thaaidhu kuravvaa enme beyfulhunnah marhaba
— Mohamed Nasheed (@MohamedNasheed) June 26, 2018
ރައީސް ޔާމީން ސިހުރަކަށް އަޅާ 13 ވަނަ އަހަރީ ދުވަސް ކަމަށް، ރައީސް ނަޝީދުގެ ޓްވީޓްގައި ފާހަގަކޮށްފައި ވަނީ، އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވީ މާރޗު މަހުގެ 13 ވަނަ ދުވަހު 13 އަހަރަށް ކަމަށް ވާތީ ކަމަށް ބެލެވެއެވެ. އޭގެ އިތުރުން ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ހުކުމް އިއްވާފައި ވަނީ މަހެއްގެ 13 ވަނަ ދުވަހުއެވެ. އޭގެ އިތުރުން ވެސް ގިނަ ބައެއްގެ މައްޗަށް ހުކުމް އިއްވާ ތާރީހެއްގެ ގޮތުގައިި 13 ވަނަ ދުވަސް ފާހަގަކުރެވެއެވެ.
ރައީސް ޔާމީނަކީ ސިހުރ ހައްދަވާ ބޭފުޅެއް ކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވި ނަމަވެސް އެމަނިކުފާނު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. 2017 ވަނަ އަހަރުގެ ޖުލައި މަހު ޕީޕީއެމްގެ އޮފީހުގައި ބޭސްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، އެއީ އެމަނިކުފާނު ކުރައްވާ ކަންތައްތަކެއް ނޫން ކަމަށެވެ.
އެމްޑީޕީގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީން އަންނަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެވޭތޯ މަސައްކަތްކުރަމުންނެވެ. ނަމަވެސް އެއިން އެއްވެސް ހަރަކާތަކަށް ސަރުކާރުން ފުރުސަތެއް ނުދެއެވެ.