ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މައްޗަށް ކުރާ ދައުވާގެ ހުލާސާ ބަޔާން އިއްވަން ބާއްވަން ތާވަލް ކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.
އަންގާރަ ދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ މަހްލޫފް ބަލިހާލަތުހުރި ގޮތުން އަންގާރަ ދުވަހުގެ އަޑުއެހުން ކެންސަލް ކުރަން އެދުމުން ނެވެ.
ހިނގާފައި ނުވާކަމެއް ހިނގާފައިވާ ކަމަށް ބުނެ ކުރާ ދޮގު މައުލޫމާތު ދިނުމުގެ އެ ދައުވާއަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅޭ މައްސަލައެކެވެ. އެ ޓްވީޓްގައި މަހްލޫފް ވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ހިދުމަތް ނުދީ ގައިދީން މަރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އަހަރެއްގެ ތެރޭ 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގައި ކަރެކްޝަނުގެ އިސްވެރިންތަކެއް ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް މަހުލޫފު ވިދާޅުވެފައިވެއެވެ.
އެއީ އިދާރާއަކަށް ދިން މައުލޫމާތެއް ނޫން ކަމަށާއި އެއީ ކުރެއްވި ޓްވީޓެއް ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.
މިމައްސަލާގައި މަހްލޫފްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ވަނީ މިމައްސަލައިން ސަސްޕެންޑް ކޮށްފަ އެވެ. އެހެންކަމުން އެ މައްސަލައަށް މަހްލޫފް ވަޑައިގަންނަވަނީ ގާނޫނީ ވަކީލަކާ ނުލައެވެ.
މީގެއިތުރުން މަހްލޫފް ވަނީ މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގަޒީ އަލީ އާދަމް ބަދަލުކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިލައްވާފަ އެވެ. ނަމަވެސް ގާޒީ ބަދަލުކޮށްދެއްވާފައެއް ނުވެއެވެ.
ޖަލުގައި މީހުން މަރުވަނީ ނޫންކަމަށާއި މަރަނީ ކަމަށް ބުނެ، މަހްލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި ޖަލުގެ ކަންކަން އިސްލާހު ކުރިއްޔާ މާރަނގަޅު ވާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މާފުށީގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހްގީގު ކުރުމަށްފަހު ބައެއް މީހުންގެ މައްޗަށް ދައުވާ ކޮށްދޭން ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) ގައި އެދިފައިވާތީ އެކަމާ ގުޅިގެން މަހްލޫފު ރާއްޖެއެމްވީއަށް ވިދާޅުވެފައި ވަނީ ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ކުރަމުންދާއިރު، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް އަބްދުﷲ ރަޝީދު މަރުވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އިހުމާލު އޮތްކަމަށް އެޗްއާރުސީއެމްގެ ތަހުގީގުން ފާހަގަވެފައިވާ ކަމަށެވެ. އަދި ޖަލުގައި މީހުން މަރުވަނީ ކަރެކްޝަނަލް ސާރވިސްގެ އިހުމާލުންކަމަށް މިމައްސަލައިން އެކަނި ވެސް އެނގޭ ކަމަށާއި މިކަމުގައި ހަގީގަތެއްވާކަން އެނގޭ ކަމަށް މަހްލޫފް ވިދާޅުވެފައި ވެއެވެ.