ރާއްޖޭން މެޑިސިން ކިޔަވަންދާ ކުދިންނަށް ސްކޮލާޝިޕް އިތުރު ފުރުސަތު ހޯދައިދިނުމަށް ފިލިޕީންސްގެ އެމީލިއޯ އެގްއިނާލްޑޯ ކޮލެޖެއާއެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައޝަތު ޝިހާމް އެވެ. އެމީލިއޯ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖްގެ ރައީސް ޑރ. ޖޯސްއީ ކެމްޕޯސް އެވެ.
ފަސް އަހަރުގެ މުއްދަތަކަށްވެވުނު އެއްބަސްވުމުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮންމެ އަހަރަކު އެމީލިއޯ ކޮލެޖުން އެއް ސްކޮލާޝިޕް ލިބޭނެ ކަމަށެވެ. މިސްކޮލާޝިޕަކީ ޓިއުޝަން ފީ އާއެކު އެއްކޮށް ހިލޭ ލިބޭ ސްކޮލާޝިޕެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން މެދުވެރިކޮށް ކިޔަވަންދާ 10 ދަރިވަރަކަށް 10 އިންސައްތައިގެ ޓިއުޝަން ފީ ހިލޭކޮށްދޭ ސްކޮލާޝިޕްތަކެއް ވެސް ދޭނެ ކަމަށް އެމިނިސްޓްރީން ބުންޏެވެ.
އެ ސްކޮލާޝިޕްގެ ދަށުން ޕްރީމެޑިސިން އިން ފެށިގެން ޑޮކްޓާރ އޮފް މެޑިސިންއާ ހަމައަށް ކިޔެވޭނެއެވެ. އެމީލިއޯ އެގްއިނާލްޑް ކޮލެޖްގައި މިހާރުވެސް 23 ދިވެހި ދަރިވަރުން މެޑިސިންގެ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.