ރ. އަތޮޅު ވިލިނގިއްޔާ ގއ. އަތޮޅުގެ ދެ ރަށެއް ފަތުރުވެރިކަމަށް ދޫކުރުމަށް ނިންމައި ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާ ތަންތަނުގެ ލިސްޓަށް އިތުރުކޮށްފިއެވެ.
ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާނެ ރަށްރަށާއި ފަޅުތަކުގެ އަދަދާއި، އެ ތަންތަނާބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާއިރު އެ ލިސްޓަށް ހޯމަ ދުވަހު އިތުރު ކޮށްފައިވަނީ ރ. އަތޮޅު ވިލިނގިއްޔާއި ގއ. ހުޅިމެންދޫ އަދި އެ އަތޮޅު އޮޑަގައްލާއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ތިން ރަށުގެ އަންދާޒާ ކުރެވޭ ރަށުގެ ބޮޑު މިނާއި އަންދާޒާ ކުރެވޭ އެކުއިޒިޝަން ކޮސްޓް އާންމުކޮށްފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ރ. ވިލިނގިއްޔަކީ 3.60 ހެކްޓަރުގެ ރަށެކެވެ. އެރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 2،070،000 (ދެ މިލިއަން ހަތްދިހަ ހާސް) ޑޮލަރު އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ބޮޑުމިނުގައި 5.20 ހެކްޓަރު ހުންނަ ގއ. ހުޅިމެންދޫގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 650،000 (ހަ ލައްކަ ފަންސާސް ހާސް) ޑޮލަރު އަރާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު 0.77 ހެކްޓަރު ހުންނަ އޮޑަގައްލާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 96،250 (ނުވަދިހަ ހަ ހާސް ދުއިސައްތަ ފަންސާސް) ޑޮލަރު އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެ އަދަދުތަކަކަކީ އެ މިނިސްޓްރީގެ މިހާރު ފެންނަން ހުރި ރެކޯޑުތަކުން ހާމަވާން ހުރި އަދަދުތަކެކެވެ. ނަމަވެސް އަސްލު އެކިއުޒިޝަން ކޮސްޓު ކަށަވަރު ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ގަބޫލު ކުރާ ފެންވަރުގެ ސާވެއާރ އެއް އެތަނެއްގެ ބޮޑުމިނާއި ގުޅޭ ގޮތުން އެކުލަވާލާ ރިޕޯޓަކުން ކަށަވަރު ކުރެވޭ ބޮޑުމިނުގެ މައްޗަށް ބިނާކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާ ތަންތަނުގެ ލިސްޓަށް މީގެ ކުރިންވެސް އެކި ފަހަރު މަތިން ރަށްތަކާއި ފަޅުތައް ދޫކޮށްފައިވެއެވެ.