ރިޔާސީ އިންތިހާބަށް ތިން މަހަށްވެފައި ވަނިކޮށް، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްތަކާ ގުޅޭ ގޮތުން އެޖެންޑާގައި ހުރި މަސައްކަތް ނިމެންދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފިއެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ ދެ އިސްލާހާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާއެކު، އެ ތިން ބިލުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ސަރުކާރަށް ތާއިދު ކުރާ 30 މެމްބަރުންގެ ވޯޓުންނެވެ.
ސަރުކާރު ހިންގާ ޕާޓީން އަމާޒު ހިފާފައި ވަނީ އެ ތިން ބިލުގެ ބަހުސް މިއަދު ނިންމައި ކޮމެޓީއަށް ފޮނުވުމަށެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކޮމެޓީތަކުން އެ އެ ތިން ބިލުގެ މަސައްކަތް މިއަދު ނިންމައިފިނަމަ، އެ ބިލުތައް މަޖިލީހުން ފާސްކުރާނެއެވެ.
އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މަޖިލިސް މެމްބަރުން ބައިވެރިވެވަޑައި ނުގަންނަވައެވެ. ނަމަވެސް ބައެއް އިދިކޮޅު މެމްބަރުން މަޖިލިސް ކުރާ ގެއަށް ވަޑައިގަތުމަށްފަހު، ޖަލްސާ ކުރާ މާލަމަށް ވަދެވަޑައިނުގަންނަވައެވެ.
ރިޔާސީ އިންތިހާބުގެ ބިލަށް ހުށަހަޅާފައިވާ ދެ އިސްލާހުގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޝަރުތުގެ ވާހަކައެވެ. އަދި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ސުުޕްްރީމް ކޯޓުން 2013 ވަނަ އަހަރު ކަނޑައެޅި ގައިޑްލައިންގައިވާ އުސޫލުތަކެވެ. އަދި ބްރޯޑްކާސްޓަރުން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭންޖެހޭނެ ކަމަށާއި ވަކި ކެންޑިޑޭޓަކަށް އިތުރު ވަގުތު ދީގެން ނުވާނެ ކަމަށް ވެސް އެ ބިލުގައިވެއެވެ.