ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުތައް، ސަރުކާރަށް ތާއިދު ކުރާ މެމްބަރުންގެ ވޯޓާއެކު މަޖިލީހަށް ބަލައިގަނެ، އެ ބިލުތަކުގެ ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އަންގާރަ ދުވަހު ބޭއްވި މިއަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހަށް ބަލައިގެންފައި ވަނީ ރިޔާސީ އިންތިހާބުގެ ގާނޫނަށް ބަދަލު ގެނައުމުގެ ދެ ބިލަކާއި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެކެވެ.
އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން އެ ތިން ބިލް ވެސް އެޖެންޑާ ކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ)ގެ ދަށުން ވޯޓަށް އަހައިގެން ކުރިއަށް ގެންދާ ގޮތަށެވެ. އެއީ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ބިލަކާ ގުޅިގެން ހިންގަންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެކިއެކި މަރުޙަލާތައް، އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ ރައީސް ހުށަހަޅާ ހުށަހެޅުމަކުން، އަދި އިތުރު ބަހުސްއަކާ ނުލައި މަޖިލީހުން ފާސްކުރާ ގޮތަށެވެ.
އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގެ (ހ)ގައި ބުނާ، މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލެއްގެ ވެސް ފުރަތަމަ ކިޔުން އިއްވައި ބިލު ތައާރުފުކުރުމަށްފަހު، 3 ދުވަހުގެ ނޯޓިސް ދިނުމަށްފަހު، އެ ބިލުގެ އިބްތިދާއީ ބަހުސެއް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށް ބުނި ނަމަވެސް، 3 ދުވަހުގެ ނޯޓިސް ދިނުމަކާ ނުލައި އެ ބިލުގެ އިބްތިދާއީ ބަހުސް ކުރުމާއި އެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވިދާނެ އެވެ.
އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ ރައީސް ހުށަހަޅާ ހުށަހެޅުމަކުން، އަދި އިތުރު ބަހުސްއަކާ ނުލައި ވޯޓަށް އެހިދާނެ ކަމަށް ބުނާތީ، މި ފަހުން މަޖިލީހަށް ހުށަހެޅޭ މުހިއްމު ގިނަ ބިލުތަކުގައި މަޖިލީހުގެ ރައީސް އަމަލު ކުރައްވަމުން ގެންދަވަނީ ވެސް އެގޮތަށެވެ.
އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރީވެ ސް ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަނުގައި ސާފު މެޖޯރިޓީ އޮތް ދުވަސްވަރުގައެވެ. އެގޮތުން އެންމެ ފުރަތަމަ މަޖިލީހުން ފާސްކުރި ބިލްތަކުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (ސެޒް) ބިލް ހިމެނެއެވެ. އެ ބިލް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްފައި ވަނީ 24 ގަޑިއިރުގެ ތެރޭގައެވެ.
އެ ހަތަރު ވޯޓު ވެސް އަންގާރަ ދުވަހުގެ ޖަލްސާގައި ފާސްކޮށްފައި ވަނީ ބައިވެރިވެވަޑާއިގަންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.