ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޖަލުން ލިބިދޭން ޖެހޭ ޙައްޤުތައް ތަފާތު ކޮށްފައިވާ މިންވަރު، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ސޯޝަލް މީޑިޔާއަށް ބަންޑުން ކޮށްލައްވައިފިއެވެ.
އަދީބަށް ހުރި އުސޫލު ކަމަށް ވިދާޅުވެ ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަދީބު ނިދިކުރައްވަން ޖެހިވަޑައިގަންނަވަނީ ގައު ތަޅުންގަނޑެއްގެ މަތީގައެވެ. ފެންވެރުމަށާއި ފާޚާނާކޮށް ފްލަޝް ކުރެއްވުމަށް ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވަނީ ބާލިދީއެއް ކަމަށެވެ.
ނަޝްވާ ވިދާޅުވީ ބަންދުކޮށްފައިވަނީ މުޅިން އެކަހެރިކޮށްކަމަށާއި ޤާނޫނީ ވަކީލުންގެ ޙައްޤުން މަހްރޫމްކޮށްފައިވާ ކަމަށެވެ. އަދި ބޭސް ފަރުވާއެއްވެސް އަދީބަށް ލިބިވަޑައި ނުގަންނަވާކަމަށް ނަޝްވާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މަހުން މަހަށް ލިބެންޖެހޭ އާއިލީ ބައްދަލުވުން ލިބެނީ ބިއްލޫރި ބިތްގަނޑެއްގެ ފަހަތުގައި ހުންނަވައިގެން ފޯނު މެދުވެރިކޮށް 1 ގަޑި އިރަށް ކަމަށާއި ޚާއްޞަ ރައްކާތެރިކަމެއް އަދީބަށް ލިބިވަޑައިނުގަންނަވާކަމަށް ނަޝްވާ ވަނީ ވިދާޅުވެފައެވެ.
Rules made for Adeeb
— Nash (@maryam_nashwa) June 25, 2018
- Sleep on a concrete floor
- Use a bucket to shower & flush
- be kept in solitary confinement
- No lawyer rights
- No medical
- Monthly family meeting behind glass walls via phone for one hour
- No Special Protection
Thank you, Gov & PPM PG group
ނަޝްވާ ވަނީ ސަރުކާރަށާއި ޕީޕީއެމްގެ ޕީޖީ ގުރޫޕަށް މިޓްވީޓްގައި ޝުކުރުވެސް އަދާކުރައްވާފައެވެ.
ޤާނޫން އަސާސީގެ 17 ވަނަ މާއްދާގައި ބުނަނީ އެއްވެސް މީހަކާމެދު ތަފާތު ކޮށްގެން ނުވާނެ ކަމަށެވެ. އަދި ނަޝްވާ ވިދާޅުވެފައިވާ ޙައްޤުތަކަކީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން އެއްވެސް ގައިދީއަކަށް ތަފާތު ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ.