މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާއި ބެހޭ ގޮތުން ސިޓީ ކައުންސިލް ބަދުނާމުވާ ގޮތަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދެއްކެވި ނަމަވެސް، ސިޓީ ކައުންސިލަށް އެއްވެސް ބާރެއް ނެތްކަން ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެނގޭ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ 'ފަލަ ސުރުޚީ' ޕްރޮގްރާގައި ވާހަކަ ދައްކަވަމުން ޝަމާއު ވިދާޅުވީ ފްލެޓްތަކުގެ ޙާލަތު ދަށްވެފައިވާކަން މިނިސްޓަރ މުއިއްޒަށް އެނގިވަޑައިގަތީ މިނިސްޓަރކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން 7 އަހަރުވި އިރު، އެތަނަށް އަލަށް މިހަފްތާގައި ވަޑައިގެންނެވުމުންކަމަށެވެ. އަދި ފްލެޓްތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރީ ނަމެއްގައިކަމަށާއި، އެތަންތަން މަރާމާތުކޮށް ބަލަހައްޓާނެ ފައިސާ ސިޓީ ކައުންސިލަށް ދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ޝަމާއު ވިދާޅުވީ ކައުންސިލްގެ އިދާރީ ހިންގުމާއި ރިކަރަންޓް ޚަރަދުތަކަށް ދޭ ފައިސާ ފިޔަވައި ދެން ކުރާ ހުރިހާ ކަމެއް ކުރުމަށް ދީފައި އޮތީ ޖުމްލަ 7 ހާސް ރުފިޔާގެ ބަޖެޓެއްކަމަށެވެ.
ޝަމާއު ވިދާޅުވީ ސިޓީ ކައުންސިލުން ރައްޔިތުންނަށް ހަމަހަމަކަމާއިއެކު ޚިދުމަތް ފޯރުކޮށްދިން ނަމަވެސް، ހައުސިންގ މިނިސްޓްރީއިން ޚިދުމަތްދެނީ އެހެން ނޫންކަމަށާއި، މިނިސްޓްރީއިން މަސައްކަތްކުރަނީ ވަކި ޕާޓީއެއްގެ މަންފާއަށްކަމަށެވެ.
"ސިޓީ ކައުންސިލްގައި ބާރެއް ނެތްކަން އެރައްޔިތުންނަށް (ފްލެޓްތަކުގައި އުޅޭ މީހުންނަށް) އެބަ އެނގޭ. އެހެން ނަމަވެސް އުއްމީދުކުރޭ ބާރު ލިބޭނެ ކަމަށް. ކައުންސިލުން އަޑުއުފުލަން އަދި ކަންކަން ކުރަން މަސައްކަތްކުރަން ރައްޔިތުން ބޭނުންވޭ. ރައްޔިތުން ބޭނުންވަނީ ކައުންސިލުން އެޚިދުމަތްތައް ހޯދަން،" ޝަމާއު ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ ޕީޕީއެމްގެ ތާޢީދު ކުރިން ބޮޑު ސަރަހައްދެއްގައި ފްލެޓްތައް ހުރިއިރު، އެސަރަހައްދުން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް އެމްޑީޕީގެ ކައުންސިލަރަކު ހޮވުނީވެސް ކައުންސިލަށް ކަންތައްތައް ހަވާލުކުރަން ރައްޔިތުން ބޭނުންވާތީކަމަށެވެ. އަދި އެކަމުންވެސް އެނގިގެންދަނީ ހައުސިންގ މިނިސްޓްރީއާއި މިނިސްޓަރ މުއިއްޒު ފެއިލްވެފައިވާކަން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގެ މަޖީދީމަގު މަރާމާތުކުރުމަށް ސަރުކާރުން އަހަރެއްހާ ދުވަސްވަންދެން މަޖީދީ މަގުގެ އެކި ސަރަހައްދުތައް ބަންދުކޮށްގެން މަސައްކަތްކޮށް ނިންމިތާ އަދި ގިނަ ދުވަސްތަކެއް ނުވާއިރު، މިހާރު އެމަގު ހަލާކުވެފައިވާކަން ޝަމާއު ފާހަގަކުރެއްވިއެވެ.
"ހަމަ ހަޤީގަތުގައިވެސް އަޅުގަނޑު ހިތާމަކުރަން. އަދި އަހަރެއް ނުވޭ. އެންމެ ރޯދަ މަހެއް މިދިޔައީ މަގުހަދާ ނިމުނުފަހުން. މަޖީދީމަގުން ދުއްވާފައި ދާ މީހުންނަށް އެނގޭނީ މަޖީދީމަގުން ވާވަރު. ހަމަ ހުއްޓުމެއް ނެތި ތުރުތުރުއަޅާލައަޅާލާ އެތިބެނީ. ބިންހެލުމެކޭ އެއްގޮތް. ގައު އަތުރައިފިއްޔާ އެގައުތައް ހަމަޖެހެނީއެއް ނޫން. ވިއްސާރަވެއްޖެއްޔާ ކާނުތައް ފުރިގެން ބަންޑުންވަނީ."
ޝަމާއު ވަނީ މީގެ އިތުރުންވެސް މާލޭގައި ހުރި ވަރަށް ގިނަ މައްސަލަތަކަށް ހައުސިންގ މިނިސްޓްރީއަށް ހައްލެއް ހޯދައިނުދެވި، ވަރަށް ގިނަ މައްސަލަތައް ބޮއްސުންލާފައިވާކަން ފާހަގަކުރައްވާފައެވެ.