މިމަހުގެ 30 ވަނަ ދުވަހު އއ. އުކުޅަހުގައި ބާއްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާދަޔާޚިލާފު ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް އެރަށުގައި ފޯރިއާއިއެކު ކުރިއަށް އެބަދެއެވެ.
ކޮންގްރެސްއަށް އެރަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކޮންގްރެސްގެ ތެރެއިން އުކުޅަހުގައި އޮންނަ ހަރަކާތްތައް ކުރިއަށްގެންދާ ޓެންޓް ހެދުމުގެ މަސައްކަތް ރޭވެސް އެރަށުގައި ކުރިއަށް ދިޔައެވެ. އަދި އެރަށަށް ވަޑައިގަންނަވާ ހާހަކަށްވުރެ ގިނަ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެރަށުގެ އެމްޑީޕީ މެމްބަރުން ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ. އަދި މީގެ އިތުރުން ކޮންގްރެސްއަށް ތައްޔާރުވުމަށް މާލޭގައި ޕާޓީގެ މައި އޮފީހުގައި ބާއްވާ ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ އިތުރުން އުކުޅަހުގައިވެސް ކަމާއި ބެހޭ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށްދާކަމަށް އެޕާޓީއިން ބުނެއެވެ.
ޖޫން 30ގައި އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ބޭއްވުމަށް އެޕާޓީއިން ތައްޔާރުވަމުންދާއިރު، ގިނަ އަދަދެއްގެ ކޮންގްރެސްމަނުންނާއިއެކު މާލެއިން ބޭރުގައި ކޮންގްރެސް ބާއްވަން ޖެހުނީ މާލޭގައި ކޮންގްރެސް ބާއްވާނެތަނެއް ސަރުކާރުން ނުދިނުމުންކަމަށް އެމްޑީޕީއިން ބުނެއެވެ.

އުކުޅަހަކީ މާލެއާއި ކައިރި ރަށްތަކުގެ ތެރެއިން އެމްޑީޕީގެ ތާޢީދު އެންމެ ބޮޑު އެއްރަށެވެ. އަދި އަރި އަތޮޅަކީ އެމްޑީޕީގެ އިތުރުން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ތާޢީދު ބޮޑު ސަރަހައްދެކެވެ. އަންނަ ހުކުރު ދުވަހު ކޮންގްރެސްގެ ރަޖިސްޓްރޭޝަން މަސައްކަތްތައް ކުރުމަށްފަހު އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވާ މެމްބަރުން އުކުޅަހަށް ދިޔުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހެނދުނެވެ. އަދި އެދުވަހު އެރަށުގައި ބާއްވާ ހަރަކާތްތަކަށްފަހު ހަމަ އެދުވަހު ކޮންގްރެސް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންގްރެސްއަށް އެންމެ ފަހުގެ ތައްޔާރީތައް އުކުޅަހުގައި ވަމުންދާއިރު، އަންގާރަ ދުވަހަކީ އެމްޑީޕީގެ 13 ވަނަ އަހަރީ ދުވަހެވެ. އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވަނީ އަހަރީ ދުވަހުގެ ހެޔޮ އެެދުންތައް އެޕާޓީގެ މެމްބަރުންނަށް ފޮނުއްވާފައެވެ.
I convey my heartfelt well wishes to the brave & dedicated members of @MDPSecretariat on MDP's 13th anniversary. Immensely proud & grateful for the opportunity to work with MDP members who remain unwavering & unrelenting in the fight for democracy, good governance & human rights pic.twitter.com/Z1iQ5sAZQ8
— Hassan Latheef (@HassanLatheef) June 25, 2018
އެމްޑީޕީގެ އަހަރީ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ކޮންގްރެސްއާއި ދިމާކޮށް ހަފްތާ ބަންދުގައެވެ.