ދިވެހި ސަރުކާރާއި ދެކޮޅަށް ވިލާތުގެ އިއްތިޙާދުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އެންމެ ފަހުގެ އިންޒާރު ދީފައިވަނިކޮށް އެއިއްތިޙާދުގެ ޤައުމުތައް ރުއްސޭތޯ މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ފޮނުވާ ވަޒީރުން ބްރަސަލްސްއަށް ފުރާވަޑައިގެންފިއެވެ.
އީޔޫގައި ލޮބީކުރުމަށް ވަޑައިގަންނަވާ ވަޒީރުންނަކީ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމްއާއި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ އަލްއުސްތާޛާ އާޒިމާ ޝަކޫރެވެ.
ޚާރިޖީ ވުޒާރާއިން ބުނާ ގޮތުގައި މި ބޭފުޅުން ވަޑައިގަންނަވަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ރާއްޖެއާއި ވިލާތުގެ އިއްތިޙާދާއި ދެމެދު މަތީ ފަންތީގެ ވާހަކަތައް ބޭއްވުމަށެވެ. މާލެއިން ރައީސް ޔާމީންގެ 3 ވަޒީރުން މި މަޝްވަރާތަކަށް ވަޑައިގަންނަވާއިރު، ބެލްޖިއަމްގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ޝިއާންވެސް އެބޭފުޅުންނާއިއެކު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ދިވެހި ސަރުކާރުން އިންސާނީ ހައްޤުތަކަށް އަރައިގަންނަ މައްސަލައިގައާއި، އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދޭ މައްސަލައިގައި ވިލާތުގެ އިއްތިޙާދުން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅަން ވަނީ ތައްޔާރުވެފައެވެ. އަދި މިފަހަރު ބްރަސަލްސްއަށް ވަޑައިގެން ވަޒީރުން ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ. މިގުނަވަނަކީ ވިލާތުގެ އިއްތިހާދުން ބޭރުގެ ޤައުމުތަކާއި ގުޅުން ހުރި މަސައްކަތްތައް ކުރާ އީޔޫގެ އިދާރާއެވެ.
ވަޒީރުން ފޮނުވައިގެން ވިލާތުގެ އިއްތިޙާދުގައި ލޮބީކުރުމަށް ސަރުކާރުން މަސައްކަތްކުރާއިރު މިމަހުގެ 28 ވަނަ ދުވަހު ޔޫރަޕިއަން ކައުންސިލްގެ ބައްދަލުވުމެއް ބްރަސަލްސްގައި އޮންނާނެއެވެ. އަދި ވިލާތުގެ އިއްތިޙާދުގެ އެކި ގުނަވަންތަކުން ރާއްޖޭގެ ސަރުކާރާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ސަރުކާރަށް މަދަދުވެރިވާ ވިޔަފާރިވެރިންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ މައްސަލަތަކާއި ބެހޭ ގޮތުން ޔޫރަޕިއަން ކައުންސިލުން މަޝްވަރާކުރާނެކަމަށް ބެލެވެއެވެ. އެހެންކަމުން ދިވެހި ސަރުކާރުން ވަޒީރުން ފޮނުވާފައިމިވަނީ ޔޫރަޕްގެ ޤައުމުތައް ރުއްސުމަށްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.