ގަވާއިދާއި ހިލާފަށް ވެހިކަލް ޕާކްކުރުމުން ކުރާ ޖޫރިމަނާތައް އަނެއްކާވެސް މައާފުކޮށްދިނުމުގެ ވިސްނުންފުޅު ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާކަން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ހާމަކުރައްވައިފި އެވެ.
އެކަން ހާމަކޮށް ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި މާލޭގައި ތަރައްޤީގެ މަޝްރޫއުތައް ހިންގަމުންދާތީ ޓްރެފިކް ވައޮލޭޝަން ސްޓިކަރ ޖެހުމުން ޒުވާނުންނަށް ވަމުންދާ ގެއްލުންތަކަށް ހައްލެއް ހޯދަވަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފައިވާކަމަށެވެ. ނަމަވެސް އެ ހައްލުގެ އިތުރު ތަފްސީލެއް ނިހާން ހާމައެއް ނުކުރައްވަ އެވެ.
Mulhi Male’ gai tharahgeege Mashroou thah hingamun dhaa thee Traffic Violation Sticker jehumun Zuvaanunnah vamundhaa gellun thakah Halleh Hoadhavan Raees Yamin Nimmavaifi.
— Ahmed Nihan (@ahmed_nihan) June 25, 2018
އޭގެއިތުރުން ނިހާން ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، މީގެކުރިން 2015 ވަނަ އަހަރު ޓްރެފިކް ވައޮލޭޝަން ސްޓިކަރގެ ޖޫރިމަނާ ރައީސް ޔާމީން މައާފުކޮށްދެއްވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ހުށައަޅުއްވާ ފާސްކުރެއްވި އިސްލާހަކާއެކުގައިކަމަށް ނިހާން ވިދާޅުވި އެވެ.
Meege Kurin ves 2015 vana aharu Traffic Violation Sticker Joorimanaa Raees Yamin Maafu koh dhevvi! Raiyyithun Majlis in PPM Mp @muazmr Hushahalhuvaa faas kurehvvi islaah akaa eku. https://t.co/5ArhSjlcNR
— Ahmed Nihan (@ahmed_nihan) June 25, 2018
ގަވާއިދާއި ހިލާފަށް ވެހިކަލް ޕާކްކުރުމުން ކުރާ ޖޫރިމަނާތައް މައާފްކޮށްދިނުމުގެ ވިސްނުންފުޅެއް ރައީސް ޔާމީން ގެންގުޅުއްވާކަން ނިހާން ހާމަކުރެއްވިއިރު، ރިޔާސީ އިންތިހާބްގެ ކެމްޕޭނަށް އާންމު ރައްޔިތުންގެ ތާއީދު ހޯދުމަށް ޕީޕީއެމްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޕާކް ކުރާނެ ޖާގައެއް ނުދައްކާ، ވެހިކަލްތައް ޖޫރިމަނާކުރާ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަބަދުވެސް އަމާޒުވާއިރު، ވެހިކަލް ޖޫރިމަނާއަކީ ސަރުކާރަށް އާމްދަނީ ހޯދުމަށް ބޭނުންކުރާ އެއް ވަސީލަތްކަމުގައި ސަރުކާރުން ކަނޑއަޅުއްވައި، ބަޖެޓުގައިވެސް ވެހިކަލް ޖޫރިމަނާކޮށްގެން ބޮޑު އާމްދަނީއެއް ލިބޭނެކަން ހިމަނައިފައިވެ އެވެ.