ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި، އެފަދައިން ގެއްލުވާލެވި، އަދި މަރާލާފައިވާ ޒުވާނުންގެ މައްސަލަތައް ތަހުޤީޤްކޮށް އެ އާއިލާތަކަށް އިންސާފު ހޯދައިިދިނުމަށް މިނިވަން އިންކުއަރީ ކޮމިޝަނެއް އުފައްދަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަދުވެވަޑައިގެންފިއެވެ.
ރައީސް މުހައްމަދު ނަޝީދު އެފަދައިން ވައުދުވެވަޑައިގެންނެވީ، ޖަޒީރާ ރާއްޖެ ކެމްޕެއިންގެ ތެރެއިން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތުގައި ގެއްލުވާލާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ ރިލްވާންގެ މަންމަ އާއި، އާއިލާ މެމްބަރުންނާއި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ސަރުކާރެއްގައި ރިލްވާންގެ މައްސަލާގައި އާއި، އަދި އެފަދަ ގޮތްގޮތަށް މަރާލެވިފައިވާ ކުދިންގެ އާއިލާތަކަށް އިންސާފު ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ މައްސަލަތައް ބަލައި ތަހުޤީޤްކުރުމަށް މިނިވަން އިންކުއަރީީ ކޮމިޝަނެއް އެކުލަވާލައްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގައި އެފަދަ އާއިލާތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެއެވެ.
"އެ ހުރިހާ ކުދިންގެ މަރުގެ ހަޤީޤަތް ހޯދައިގަނެވޭނެ މިނިވަން އިންކުއަރީ ކޮމިޝަނެއް އަޅުގަނޑުމެންގެ ސަރުކާރެއްގައި އުފައްދާނަން. އަދި އިންސާފު ތިޔަބޭފުޅުންނަށް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެއް" ރިލްވާންގެ މަންމަ އާއި، ދައްތަޔާއި ވާހަކަދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
"Alhugadumenge sarukaarehgai iraadhakureviyya dhefuh fenna inquiry commision eh Rilwan ge mahsalagai adhi rilwan fadha gothakah kan vefaivaa hurihaa kuddinnah masala balaa insaafu hoadhai dhinumakee alhugandumenge vaajibeh"
— #JazeeraRaajje (@Simwarr) June 25, 2018
-Raees Nasheed-#JazeeraRaajje pic.twitter.com/euPYk9aDQI
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގާފައި ވަނީ 8 އޮގަސްޓް 2014 ގައެވެ. އޭގެ ފަހުން މިހާތަނަށް ވެސް ފުލުހުންނަށް ރިލްވާނަށްވީ ގޮތެއް ބުނެދެވިފައެއް ނުވެއެވެ. ނޫސްވެރިޔާ ގެއްލުނު މައްސަލާގައި ރައީސް އަބްދުﷲ ޔާމީނާއި، ރާއްޖެޓީވީން ސުވާލުކުރުމުން 2014 ވަނަ އަހަރު އެމަނިކުފާނު ވިދާޅުވީ، "ނޫސްވެރިޔަކު ގެއްލުނީ، ދެން އަޅުގަނޑަށް ހީވަނީ ނޫސްވެރިޔާ ހޯދުމުގެ މަސައްކަތް ކުރާނެ ހެން" ކަމަށެވެ.