ތުރުކީގެ ރިޔާސީ އިންތިޚާބު އެއްބުރުން ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާން ކާމިޔާބުކުރެއްވުމާއި ގުޅިގެން މަރުހަބާ ދަންނަވައި، އޮރްދޮޣާންގެ ވެރިކަމުގައި އިސްލާމީ އުއްމަތަށް ދިވާމެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެކުގައި މަސައްކަތްކުރައްވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާނަށް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ފޮނުއްވި މެސެޖުގައި ސަރުކާރު ކޯލިޝަނުން ތުރުކީގެ ގްރޭންޑް ނެޝަނަލް އެސެމްބްލީގެ މެޖޯރިޓީ ހޯއްދަވާފައިވާތީ އެކަމަށްވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.
ރައީސް ޔާމީންގެ އެ މެސެޖުގައި ވަނީ ތުރުކީގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށާއި، އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި އުފާ ފާގަތިކަން ހޯއްދަވައިދެއްވުމަށް ތުރުކީގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އިތުރު ކުރިއެރުމަށް އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ ރައީސް އޮރްދޮޣާންގެ ވެރިކަމުގައި އެ ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި އިސްލާމީ އުއްމަތަށް ދިވާމެފައިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި އެކުގައި މަސައްކަތްކުރައްވާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށެވެ.
އޮރްދޮޣާން ވަނީ ވޯޓުގެ 53 އިންސައްތަ ކާމިޔާބުކުރައްވައި، އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ.
ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން އުޅެ ނާކާމިޔާބުވި ބަޣާވާތަށްފަހު އަދިވެސް އެގައުމުގައި އޮތީ ކުއްލިހާލަތު އިއުލާނުކުރެވިފައެވެ. މި އިންތިޚާބު ބޭއްވުމަށް ކުރިން ރޭވިފައި އޮތީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނަމަވެސް އިންތިޚާބު އަވަސްކުރެއްވުމަށް ނިންމެވީ ރައީސް އޮރްދޮޣާނެވެ.