ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯދުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ ހުލާސާ ބަޔާން އިއްވަން ބޭއްވި އަޑުއެހުމުގައި ދެއްކި އެހެން ވާހަކަތަކާ ހުރެ ޝަރީއަތް އަނެއްކާ ވެސް ދިގުލައިފިއެވެ.
ހޯމަ ދުވަހު ބޭއްވި އަޑުއެހުން ފެށުމާ އެކު ގާޒީ ވަނީ މި މައްސަލައިގައި އޮންނާނީ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުމުގައި ކުރިއަށް ގެންދަން ޖެހޭ ހުލާސާ ބަޔާން ހުށައެޅުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފާރިސް ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ ހުލާސާ ބަޔާން އިއްވުމުގެ ކުރިން ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ ކިތާބީ ހެކިތަކާ މެދު ވާހަކަ ދައްކަން ބޭނުންވާ ކަމަށެވެ.
ޕީޕީއެމްގެ ނަމުގައި ފާރިސް ވާހަކަ ދެއްކެވި ކަމަށް ބުނެ ދައުވާ ކޮށްފައިވާއިރު އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނައިފަރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަހްމަދު ޝިޔާމް ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ވާހަކަ ދައްކާފައިވާކަން ސާބިތުކުރުމަށް ޓީވީއެމް އިން ބޭއްވި މަޖިލިސް އިންތިހާބުގެ ބަހުސްގައި ދެއްކެވި ވާހަކައިގެ ރެކޯޑިން ޝަރީއަތުގައި ބެލުމަށް އެދުނެވެ. އަދި ގާޒީ ވަނީ އެ ފުރުސަތު ދެއްވާފައެވެ.
އޭގެ އިތުރުން ފާރިސް އެ ދައުވާ އިން ދިފާއުމަށް ހުށަހަޅާފައިވާ 27 ކިތާބީ ހެއްކަކާ ގުޅޭ ގޮތުން ތަފްސީލީ ގޮތެއްގައި ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ގަޞިއްޔާތަކާއި ހަވާލާދީ ފާރިސްގެ ވަކީލުން ހުލާސާ ގޮތެއްގައި ދެއްކި ވާހަކަތަކަށް ރައްދު ދިނުމަށް ދައުލަތައް ފުރުސަތު ދީފައެވެ. އެ ފުރުސަތު ދިނުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ވާހަކަތަކަށް ރައްދު ދިނުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ބައެއް ގަޞިއްޔާތަކާ ހަވާލާ ވާހަކަ ދައްކަވާފައިވުމެވެ. ފާރިސްގެ ފަރާތުން ހުލާސާ ބަޔާނުގެ ކުރިން ދެއްކެވި ވާހަކަތަކަށް ރައްދު ދިނުމަށް ދެ ދުވަސް ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
އޭގެ އިތުރުން ފާރިސްގެ ފަރާތުން ވަނީ ދެކޮޅަށް ހެކިބަސް ދިން ދެ މީހުން ﷲ ގަންދީ ހުވާކޮށް ދޮގު ހެކިބަސް ދީފައިވާކަން ފާހަގަކޮށް އެމީހުންގެ ހެކިބަހުގައި ހުރި ފުށުއެރުންތައް ފާހަގަކޮށްފައެވެ. އެއާއެކު ފާރިސްގެ ދިފާއީ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ ޝަރީއަތުގެ މި މަރުހަލާގައި އިތުރު ވަގުތު ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވުމުން އޭގެ ސަބަބުން ބަދުނާމު ވަނީ ކޯޓު ކަމަށެވެ.
މި މައްސަލަގެ އެންމެ ފަހު އަޑުއެހުން ކަމަށް ބަލައިގެން އަޑުއެހުން ތާވަލު ކުރި މިއީ ތިން ވަނަ އަޑުއެހުމެވެ. ކޮންމެ ފަހަރަކު ވެސް ޝަރީއަތުގެ ކުރިން ދޭން ޖެހޭ ފުރުސަތެއް ނުދީ އޮވެގެން ފާރިސްގެ ފަރާތުން އެކަން ފާހަގަ ކުރުމުން އެ ފުރުސަތު ދިނުމުގެ ގޮތުން ހުލާސާ ބަޔާން ހުށައެޅުން ފަސްކުރެއެވެ. އަދި އެންމެ ފަހު އަޑުއެހުމުގައި ގާޒީ ވިދާޅުވެފައި ވަނީ ދެން އޮންނަ އަޑުއެހުމުގައި ހުލާސާ ބަޔާން ހުށައެޅުމަށް ނޫނީ ފުރުސަތު ނުދެވޭނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން މިއަޑުއެހުމުގައި ވެސް ދައުލަތުން އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނުމުން ހުލާސާ ބަޔާން ހުށައެޅުން ފަސްކުރި އިރު ގާޒީ ވިދާޅުވީ ދެން އޮންނާނީ ދެ ފަރާތުން ހުލާސާ ބަޔާން ހުށައެޅުން ކަމަށެވެ. ނަމަވެސް ދެން އަޑުއެހުން އޮންނާނެ ދުވަހެއް ގާޒީ ވިދާޅެއްނުވެއެވެ.