ރަޝިއަން ފެޑަރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް މުހައްމަދު ހުސައިން ޝަރީފްގެ ނަންފުޅަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ބޭއްވިއިރު، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން އައްޔަން ކުރުމަށްޓަކައި ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރަޝިއާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ ނަން ދިރާސާ ކުރުމަށް މަޖިލީހަށް ފޮނުންވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.
މުންދުއަކީ މިހާރުވެސް ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާފަދަ ބައެއް ބޮޑެތި ގައުމު ތަކުން ސަފީރުން އައްޔަން ކުރަނީ ލަންކާއާއި ރާއްޖެއާ ދެގައުމަށެވެ. އަދި ބައެއް ގައުމުތަކުގެ އެމްބަސީތައް ރާއްޖޭގައި ހުރިނަމަވެސް ގިނަ ގައުމުތަކުގެ އެމްބަސީތައް ހުންނަނީ ވެސް ލަންކާގަ އެވެ.