ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ކެންޑިޑޭޓުންނަށް ހަމަހަމަކަމާ އެކު ވަގުތު ހާއްސަ ކުރުމަށާއި އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާފައިވާ ވަގުތަށް ވުރެ އިތުރު ވަގުތު، އެއް ކެންޑިޑޭޓަކަށް ނުވަތަ އެއް ސިޔާސީ ޕާޓީއަކަށް ނުދެވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.
މިހާރު އަމަލު ކުރަމުންދާ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައި ވަނީ ކެންޑިޑޭޓުންގެ ނަން ރަސްމީކޮށް އިއުލާންކުރާ ދުވަހުން ފެށިގެން، ވޯޓު ނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ކެންޑިޑޭޓުންނާއި ޕާޓީތަކަށް ތާއިދު ހޯދުމުގެ ގޮތުން އިސްތިހާރާއި ޕްރޮގްރާމްތަކަށް ބްރޯޑްކާސްޓަރުން ވަގުތު ހާއްސަ ކުރަންވާނެ ކަމަށެވެ.
ބްރޯޑްކާސްޓްކުރާ ކޮންމެ ފަރާތަކުން ވެސް ވަގުތު ވިއްކާ ނަމަ، ވިއްކުމަށް ހަމަޖެހިފައިވާ އަގުތައް އާންމުކޮށް އިއުލާން ކުރަންވާނެ ކަމަށާއި ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި ނުވަތަ ވަގުތު ވިއްކުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެންވާނެ ކަމަށެވެ.
އެ ގާނޫނުގައި މިހާރު ބުނެފައި ވަނީ ބްރޯޑްކާސްޓްކުރާ އެއްވެސް ފަރާތަކުން އެއްވެސް ހާލަތެއްގައި ކެންޑިޑޭޓުންނަށް ހާއްސަކުރާ ވަގުތުގެ ތެރެއިން، އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާ ވަގުތަށް ވުރެ، 10 ޕަސެންޓަށް ވުރެ އިތުރު ވަގުތު، ދީގެން ނުވާނެ ކަމަށާއި އަދި ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ.
ނަމަވެސް ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ އެ ސްޓޭޝަނަކުން ކެންޑިޑޭޓުންނަށް ކަނޑައަޅާފައިވާ ވަގުތަށް ވުރެ، އެއްވެސް މިންވަރަކަށް އިތުރު ވަގުތު ދީގެން ނުވާނެ ކަމަށާއި އަދި ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ. ކެންޑިޑޭޓުންނަށް ހާއްސަކުރާ ވަގުތު ދިނުމުގައި ބްރޯޑްކާސްޓަރުން އަމަލު ކުރަން ވާނީ ހަމަހަމަކަމާ އެކުގައި ކަމަށް އިސްލާހުގައި ވެއެވެ.
ބްރޯޑްކާސްޓްކުރާ ފަރާތްތަކުން އަމަލުކުރަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށްތޯ ބަލައި، އިދާރީ ފިޔަވަޅު އެޅުމުގެ ބާރު ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް ދިނުމަށް ވެސް ސަރުކާރުން ހުށަހެޅި ބިލުގައިވެއެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހަޅާފައިވާ އެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުން ވަގުތު ދޭ ގޮތް ބެލުމާ ގުޅޭ ގޮތުން "ބްރޯޑްކޮމް"އިން ދެ ގަވާއިދެއް ހަދަން ޖެހޭނެ ކަމަށެވެ.
ފުރަތަމަ ގަވާއިދަކީ ކެންޑިޑޭޓުންނަށް ވަގުތު ދިނުމާ ގުޅޭ އުސޫލާ ހިލާފުވާ ބްރޯޑްކާސްޓަރުންނާ މެދު އިދާރީ ފިޔަވަޅު އެޅުމާ ބެހޭ ގަވާއިދެވެ. ދެ ވަނަ ގަވާއިދަކީ އެ އުސޫލާ ހިލާފުވެގެން ހުށަހަޅާ ޝަކުވާތައް ބަލުމުގެ ނިޒާމު އެކުލަވާލުމުގެ ގަވާއިދެވެ.
އެ ދެ ގަވާއިދު ހަދައި އާންމު ކުރަންޖެހޭނީ އެ އިސްލާހު ތަސްދީގުކޮށް އަމަލު ކުރަން ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.
އިދާރީ ފިޔަވަޅުތަކެއްގެ ގޮތުގައި، ސްޓޭޝަންތަކަށް ފިޔަވަޅު އަޅަން ޖެހޭނީ ބްރޯޑްކާސްޓިން ކޮމިޝަނަށް އެ ކޮމިޝަންގެ ގާނޫނުން ލިބިފައިވާ ބާރުތައް ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.
އެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ބްރޯޑްކޮމްއަށް ހުށަހާޅާ ޝަކުވާތައް ބަލައި ނިންމުމަށް ފަހު، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޮނުވަން ޖެހޭނެ ކަމަށާއި ޖިނާއީ ކުށެއްގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް ފެނިއްޖެ ނަމަ، އެ މައްސަލައެއް ޕީޖީއަށް ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ވެސް އެ ބިލުގައިވެއެވެ.