އެލުމިނިއަމް މަސައްކަތްކުރާ ވޯކްޝޮޕަކާ އެކު ހިންގާ ސެންޓާއި އަތަރު ވިއްކާ ފިހާރައެއްގެ ފާރު ތަޅާލައިގެން ވަދެ، ވައްކަންކޮށް އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފްރަގަންޓިއާ ފިހާރަ އާއި ވޯކްޝޮފްގެ ވެރިޔާ މުސްތަފާ ހަސަން ބުނީ ކެމެރާއިން ބެލި ބެލުމުން ފިހާރަ ފާޅާލާފައި ވަނީ ރޭ ފަތިހު 4:00 ހާއިރު މޫނު ނިވާކޮށްގެން ހުރި މީހެއް ކަމަށެވެ.
އަލަށް ހެދި ވިންޓަރ ތީމް ޕާކު ކައިރީގައި ހުންނަ މި ފިހާރައިން ނެގި ތަކެތީގެ އަދަދާއި އަގު އަދި މުޅިން ނޭނގޭ ކަމަށާއި ލިބުނު ގެއްލުމުގެ އަގު އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް މުސްތަފާ ބުންޏެވެ.
މި ފިހާރައަށް ވަދެ އެތަނުގައި ހުރި ދެ ލެޕްޓޮޕާއި ރެކުތަކުގައި ހުރި ސެންޓާއި އަތަރު ފުޅިތަކެއްގެ އިތުރުން ވަތްގަނޑުގައި ހުރި ފައިސާތަކެއް ވެސް ވަނީ ވަގަށް ގެންގޮސްފައެވެ.
ފިހާރައަށް ވަދެފައި ހުރީ ޖެހިގެން ހުރި ކަންޒުދޮށުގެ އާއި އިންވެގެން ހުރި ފާރުގެ ތިރިން ދެ ފޫޓެއްހާ ތަން ތަޅާލައިގެން ބާގަނޑެއް ހަދައިގެން ކަމަށެވެ. ފާރު ތަޅާލައިގެން ވަންނަން އުޅުމުގެ ތެރޭގައި އެތެރޭގައި ބަހައްޓާފައި ހުރި އެލުމިނިއަމް ދޮރުފަތްތަކަކާއި ބިއްލޫރި ޝީޓްތަކެއް ވަނީ ތަޅައިގެން ގޮސްފައެވެ.
މީގެ އިތުރުން ވޯކްޝޮޕްގައި މަސައްކަތްކުރަން ބޭނުންކުރާ ބައެއް ސާމާނު ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.
އަދި އެމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ފުލުހުންގެ ފޮރިންކްސް ޓީމުން ގޮސް ބަލާއި ހުރިހާ މައުލޫމާތެއް ނަގާފައިވާ ކަމަށް ވެރިފަރާތުން މައުލޫމާތު ދެއެވެ.